16 މީހެއްގެ ގައިގާ ޓެގު އެޅުވުމަށް ފުލުހުން އެދިއްޖެ

މީހެއްގެ ފައިގަ ޓެގް އަޅުވާފަ-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ/ ފުލުހުން

މުޖުތައުމައުއަށް ނުރައްކާތެރި ކަމަށް ބެލެވޭތީ، ޓެގު އަޅުވައިގެން މޮނީޓާ ކުރަންޖެހޭ 16 މީހެއްގެ މައްޗަށް މޮނިކޮން އަމުނު ނެރެ ދިނުމަށާއި އެ މީހުންގެ ގައިގައި ޓެގު އެޅުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ފުލުހުން އަންގައިފި އެވެ.

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)،ގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މާލޭގައި ހިނގަމުން ގެންދާ މާރާމާރީތައް ހުއްޓުވުމަށް މުޖްތަމައުއަށް ނުރާއްކާތެރި ކުށްވެރިންގެ ގައިގާ ޓެގު އެޅުވުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންނަށް ފަހަގަ ކުރެވިފައިވާ 16 މީހެއްގެ ނަން ޓެގިން ޕްރޮސެސް އަށް ފޮނުވިފައިވާ ކަމަށެވެ. އެގެތެރޭގައި ހިމެނެނީ ޖިނާއީ ދައުވާއެއް ކުރެވި ނަމަވެސް ފުލުހުންގެ ހައްޔަރުގައި ނުބޭތިއްބޭ މީހުން ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭ ކަމަށް ގަބޫލު ކުރެވޭ 16 ފަރާތެއް މައުލުމާތު ވާނީ ޓެގިން ޕްރޮސެސް އަށް ހަވާލު ކުރެވިފައި،" ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނެއްކާވެސް ޓެގް އަޅުވަން ފެށުމަކީ ނުރައްކާތެރި ޖަރީމާތައް މަދުކޮށް އަމަން އަމާން މާހައުލެއް ގާއިމުކޮށް ކުށް މަދުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޓެގް އަޅުވަން 16 މީހެއްގެ ނަން ފުލުހުން ފޮނުވާފައިވާއިރު، އެ މީހުންގެ ގައިގައި ޓެގު އެޅުވުމާމެދު ގޮތް ނިންމާނީ ހޯމް މިނިސްޓަރެވެ. އަދި ޓެގް އެޅުވުމުގެ އަމުރު ނެރޭނީ ހައިކޯޓުންނެވެ. ޓެގު އަޅުވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު ދަށުންނެވެ.

މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގު އެޅުވުމުން، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމެއް މެދުވެރިކޮށް، އެ މީހުން އުޅޭނޫޅޭ ގޮތް ބެލޭނެ އެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ އެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެ އެވެ. އެގޮތުން އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

comment ކޮމެންޓް