އިންޓަޕޯލްގެ މެންބަރުކަން ފަލަަސްތީނަށް ހޯދުމަށް ހުށަހެޅި ލިއުންތައް ބަލައިގެންފި

ލިޔޮން (ސެޕްޓެމްބަރު 27) : ފުލުހުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ (އިންޓަޕޯލް)ގެ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އެ ޖަމްއިއްޔާ އިން ނިންމުމުން އިސްރާއީލުގެ އިސްވެރިންގެ މެދުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.

އިންޓަޕޯލް މިދިޔަ ހޯމަ ދުވަހު ވަނީ އެ ޖަމްއިއްޔާގެ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން ހުށަހެޅި ހުށަހެޅުން ރަސްމީ ސިފައެއްގައި ބަލައިގެންފަ އެވެ. އެ ހުށަހެޅުން ބަލައިގަތީ އެކަން ނުކުރުމަށް އެމެރިކާ އާއި އިސްރާއީލުން އެ ޖަމްއިއްޔާގެ ސެކްރެޓޭރިއަޓް އަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދަނިކޮށް އެކަމަށް ބެލުމެއްނެތި އެވެ. އެ މައްސަލާގައި އެމެރިކާއާއި އިސްރާއީލުން ވަނީ ރުޅިއައިސް އިންޓަޕޯލް އަށް ވަރަށްބޮޑަށް ފާޑުކިޔައިފަ އެވެ. ފަލަސްތީނުގެ ހުށަހެޅުން ބަލައިގަތުމުން ދެން އޮންނާނީ އިންޓަޕޯލްގެ މެންބަރުކަން ފަލަސްތީނަށް ދިނުމާ ބެހޭ ގޮތުން ގޮތެއް ނިންމުމެވެ.

މިކަން ނިންމާނީ އެ ޖަމްއިއްޔާގެ އާންމު މަޖިލީހުންނެވެ. މިއީ އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ މަޖިލީހަކަށްނުވާތީ އެމަޖިލީހުން ފަލަސްތީނަށް މެންބަރުކަން ދިނުމަށް ނިންމާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިންޓަރޯލްގެ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެނަމަ ފަލަސްތީނުގެ އާންމުންގެ ހައްގުތަކަށް އަރައިގަންނަ އިސްރާއީލުގެ ފުލުހުންނާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ހައްގު ފަލަސްތީނަށް ލިބިގެންދާނެ އެވެ. އަދި ފަލަސްތީނުގެ ކޯޓުތަކަށާއި ފަލަސްތީނުގެ ފުލުހުންގެ އިދާރާއަށް ހޯދަން ބޭނުންވާ އިސްރާއީލުގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ އާންމުން ހައްޔަރު ކުރުމުގެ ބައިނަލްއަގްވާމީ އަމުރު ނެރުމަށް އިންޓަޕޯލް އަށް ހުށަހެޅުމުގެ ހައްގު އެހެންގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނަށް ލިބިގެންދާނެ އެވެ.

މެންބަރު ގައުމުތަކުން މިގޮތަށް އެދޭ އެދުންތަކާ އެއްގޮތަށް ހޯދަން ބޭނުންވާ ފަރާތްތަކާއި ހައްޔަރުކުރަން ބޭނުންވާ ފަރާތްތައް ހައްޔަރުކުރުމުގެ ބައިނަލްއަގްވާމީ އަމަރު އިންޓަޕޯލުން ނެރޭނެ އެވެ. މިގޮތަށް އަމަރު ނެރެފި ނަމަ އެއީ އިސްރާއީލު މީހެއް ނަމަވެސް އެމީހަކު ހައްޔަރު ކުރެވޭނެ އެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާތައް ކުރުމަށް ފަހު އިންސާފުން ރެކިގަތުމުގެ ފުރްސަތު ލިބިފައިވާ ގައުމެކެވެ. މި ފުރްސަތު އިސްރާއީލަށް ލިބެނީ ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެމެރިކާ ގެ ބާރުގަދަވުމުގެ ސަބަބުންނެވެ. ޚާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް އޮންނާތީ އެވެ. ނަމަވެސް ވީޓޯ ކުރުމުގެ ބާރު ލިބިފައިނުވާ އދ.ގެ އެޖެންސީތަކާއި މުއައްސަސާތަކުން ގެންދަނީ ފަލަސްތީނުގެ ދައުލަތަށް މެންބަރުކަންދީ އިސްރާއީލުގެ ހަރުކަށި އަމަލުތައް ކުށްވެރި ކުރަމުންނެވެ.

މިގޮތުން ޔުނެސްކޯ އާއި އދ.ގެ އެތައް މުއައްސަސާއަކުން ވަނީ އިސްރާއީލާއި އެމެރިކާ ދެކޮޅު ހަދަމުން ގެންދަނިކޮށް ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދީފަ އެވެ. ފުލުހުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ އިންޓަރޕޯލްގެ މައި މަރުކަޒު ހުންނަނީ ފަރަންސޭސިވިލާތުގެ ލިޔޮން ގައެވެ. (އާރުޓީ)

comment ކޮމެންޓް