އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް: ފެތުމުގެ ގައުމީ ހަ ރެކޯޑެއް އާކޮށްފި

އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސް ގައި ވާދަކުރާ ގައުމީ ސްވިމިންގ ޓީމު---

މިހާރު ތުރުކެމިނިސްތާނުގައި ހިނގަމުންދާ ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ދިވެހި ފެތުންތެރިން ގައުމީ ހަ ރެކޯޑެއް އާ ކޮށްފި އެވެ.

އެގޮތުން ފިރިހެންނުންގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައި ވަނީ 02:35.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ 2008 ވަނައަހަރު މެންޗެސްޓާގައި ބޭއްވުނު ނުވަ ވަނަ ފީނާ ވޯރލްޑް ސްވިމިންގް ޗެމްޕިއަންޝިޕްސްގައި 02:46.64 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު ރާއިދު ޢަލީ އެވެ.

ފިރިހެންނުންގެ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައި ވަނީ 01:10.13 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައި ވަނީ 2014 ވަނަ އަހަރު ދޯހާގައި ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިންގް ޗެމްޕިއަންޝިޕްސްގައި 01:10.77 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު މުޢުތަސިމް އަދުނާނެވެ.

އަންހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އައިޝަތު ސާޖިނާ އައުކޮށްފައި ވަނީ 01:27.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައި ވަނީ 2005 ވަނަ އަހަރު ތައިލަންޑް ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި 01:36.47 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އައިޝަތު ސާޖިނާ އައުކޮށްފައި ވަނީ 00:40.25 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައި ވަނީ 2005 ވަނަ އަހަރު ތައިލަންޑް ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި 00:42.21 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އައިޝަތު ސައުސަން އައުކޮށްފައި ވަނީ 00:34.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައި ވަނީ ވެސް ސައުސަން އެވެ. އެއީ 2016 ވަނަ އަހަރު ކެނެޑާގައި ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގް ޗެމްޕިއަންޝިޕްސްގައި 00:34.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 50 މީޓަރު ބެކް ސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އަލީ އިމްމާން އައުކޮށްފައިވަނީ 00:31.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައި ވަނީ 2010 ވަނައަހަރު ޑުބާއީގައި ބޭއްވުނު 10 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:34.04 އިން ރޭސް ފުރިހަމަކޮށްގެން ޙަސަން އިނާޔަތެވެ.

ގިނަ ގައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އައުކޮށް، ދިވެހި ފެތުންތެރިންވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރަނީ މުބާލް އަޢްޒާމް އިބްރާޙީމް، ޢަލީ އިންމާން، ޙަސަން އަޝްރަފް، އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި އައިމިނަތު ޝަޖަން އެވެ. މީގެ އިތުރުން ސްވިމިންގ ޓީމާއި ޙަވާލުވެގެން ގޮސްފައިވަނީ ގައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ އައި މެނޭޖަރެއްގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙަސަން ސިރާރު އެވެ.

comment ކޮމެންޓް