ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑް "މައިލޯ ކަލާސް އެވޯޑް" ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ހޯދައިފިއެވެ.
މައިލޯ ކަލާސް އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރަފާއަށް އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.
ނިމިގެންދިޔަ އަހަރަކީ ރަފާއަށް ސީނިއާ ލެވެލްގައި ވެސް ވަރަށް ކާމިޔާބު އަހަރެކެވެ. އެންމެ 13 އަހަރުގައި ސީނިއާ ލެވެލްގައި ވާދަކޮށް، ރަފާ ވަނީ މިދިޔަ އަހަރުގެ ގައުމީ ޓީޓީ މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ކާމިޔާބީތަކާއެކު ރަފާ ވެގެންދިޔައީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާއަށެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓްގެ ފައިނަލުގައި ރަފާ ވަނީ ރާއްޖޭގެ ޓީޓީ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި ކުރީގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ބަލިކޮށްފައެވެ. ރަފާ ވަނީ ސިންގަލްސް އިވެންޓްގެ އިތުރުން އެ މުބާރާތުގެ ޑަބަލްސް އިވެންޓާއި މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ.
ކަލާސް އެވޯޑުގެ އިތުރުން މިރޭ ރަފާ ވަނީ އައުޓްސްޓޭންޑިން އެވޯޑާއި ހާއްސަ އެވޯޑު އަދި 14 އަހަރުންދަށުގެ ވިނާސް އެވޯޑު ވެސް ހޯދައިފައެވެ. ރަފާ އަކީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ދަރިއެކެވެ.
މިއަހަރުގެ ކަލާސް އެވޯޑުގައި ގިނަ ދަރިވަރުންތަކެއް އެކި އެވޯޑުތައް ހާސިލްކޮށްފައިވެއެވެ. މިރޭގެ ރަސްމިއްޔާތުގައި އެކި އުމުރު ފުރާތަކުން ރަނާސް އެވޯޑާއި ވިނާސް އެވޯޑު ދީފައިވެއެވެ. އޭގެ އިތުރުން 19 ދަރިވަރަކު ހާއްސަ އެވޯޑު ހާސިލް ކުރިއިރު، ހަތަރު ދަރިވަރަކު އައުޓްސްޓޭންޑިން އެވޯޑު ހާސިލް ކުރިއެވެ. އަދި ސަރުކާރުން ދޭ ސްޕޯޓްސް ސްކޮލަޝިޕް، މިއަހަރު ވެސް 11 ދަރިވަރަކު ހާސިލްކުރިއެވެ.
އައުޓްސްޓޭންޓިން އެވޯޑު ހާސިލްކުރި ދަރިވަރުން:
- ނަޝާ ނިޒާރު (އެތުލެޓިކްސް) – ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި
- މުހައްމަދު ނަޒްރާން ނަޒީރު (ސްވިމިން) – ސީއެޗްއެސްއީ
- އައިޝަތު ރަފާ ނާޒިމް (ޓީޓީ) – އިސްކަންދަރު ސްކޫލް
- ލައިސާ ފަތުހުﷲ އިސްމާއިލް (ޓީޓީ) – އަމީނިއްޔާ ސްކޫލް