އަންހެނުންނަށް ވެބްޑިޒައިން ދަސްކޮށްދިނުމަށް އެމެރިކަން ސެންޓަރުން ކޯހެއް ފަށައިފި

ގާލްސް އިން ޑިޖިޓަލް އެމްޕަވާމެންޓް (ގައިޑް) ގެ ނަމުގައި ވެބްޑިޒައިން ކޯސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭމްސް އެލް ރުސޯ ވާހަކަ ދައްކަވަނީ ---

ދިވެހި އަންހެނުން ގޭގައި ތިބެގެން ޓެކްނޮލަޖީގެ ދާއިރާއާ ބެހޭ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު ގުޅިގެން ގާލްސް އިން ޑިޖިޓަލް އެމްޕަވާމެންޓް (ގައިޑް) ގެ ނަމުގައި ވެބްޑިޒައިން ކޯހެއް މިރޭ ފަށައިފިއެވެ.

އެމެރިކަން ސެންޓަރުގައި މިރޭ އެ ޕްރޮގްރާމު އިފްތިތާހު ކުރުމަށް ބޭއްވިި ރަސްމިއްޔާތެއްގައި ކޯސް ފަށްޓަވައި ދެއްވީ ކޮލަމްބޯގައި ހުންނަ ޕަބްލިކް ޑިޕްލޮމަަސީ ސެކްޝަނުގެ ކައުންސެލާ ފޯ ޕްރެސް އެންޑް ކަލްޗަރަލް އެފެއާޒް ޖޭމްސް އެލް ރުސޯ އެވެ.

ތިން މަސްދުވަހަށް ހިލޭ ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި 27 އަންހެނުން ބައިވެރިވެފައިވާ ކަމަށް ދިވްޓެކުން ބުންޏެވެ.

މިރޭ އިފްތިތާހު ކުރި ޕްރޮގްރާމު ނިންމާ ކުދިންނަށް އެމެރިކަން އެމްބަސީގެ ފަރާތުން ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިވް ޓެކުން ބުންޏެވެ. އަދި ބުނީ ކުރިއަށް އޮތް ތަނުގައި ގައިޑްގެ ދަށުން މޮބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް ކޯހެއް އަންހެނުންނަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރުސޯ ވިދާޅުވީ ދިވެހިންނާއެކީ އެ ފަދަ ކޯސްތައް ކުރިއަށް ގެންގޮސްގެން ރަނގަޅު މުސްތަގުބަލެއް ގާއިމު ކުރެވިދާނެކަމަށެވެ. އަދި ދިވެހި އަންހެން ކުދިންގެ ހުރި ހުނަރާއި، ޝައުގުވެރިކަމާއި ހިޔާލުތަކާއި މަސައްކަތްތެރިކަން ފުރިހަމައަށް ބޭނުންކޮށްގެން ހުރިހާ ދިވެހިންނަށްވެސް ރަނގަޅު މުސްތަގުބަލެއް ހޯދިދާނެ ކަމަށްވެސް ރުސޯ ވިދާޅުވިއެވެ.

comment ކޮމެންޓް