ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދިން މައްސަލަ ގާސިމް ކޯޓަށް ހުށަހަޅައިފި

ސިންގަޕޫރަށް ފުރައިވަޑައިގަތުމަށްޓަކައި ގާސިމް (ކ) އެއާޕޯޓުގެ ވިއައިޕީއައި އިންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ވަކީލުން --- ސަން ފޮޓޯ/ އަހުމަދު މަހުލޫފު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

އެމައްސަލާގައި ސިވިލް ކޯޓުގައި ދައުވާކުރިކަން ގާސިމްގެ ވަކީލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާސިމް ދަތުރުކުރަން ފިޓް ނޫން ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ. އެގޮތަށް ލަފާދިންކަން ކަރެކްޝަންސްއަށް އަންގާފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ގާސިމްއަށް ދީފައިވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދިނުމަށް ކަރެކްޝަންސްއިން ނިންމާފައިވާތީ ކަންބޮޑުވާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މީހެއްގެ ބަލި ހާލަތާމެދު ގޮތް ކަނޑައަޅައި، ބަލިމީހަކަށް ދޭންޖެހޭ ފަރުވާ އާއި ބޭސްފަރުވާގެ މުއްދަތު، އިދާރީ ނިންމުމެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކަށް ނުނިންމޭނެއެވެ. ބަލިމީހެއްގެ ބޭސްފަރުވާ ކުރިއަށް ގެންދިޔުމުގެ ތަރުތީބުތަކާއި ހަމަތަކަކީ ފަންނީ ގޮތުން ޑޮކްޓަރުން ނިންމާ ނިންމުންތަކެއް" ބަޔާނުގައި ބުނެފައިވެ އެވެ.

އެމައްސަލަ ކޯޓަށް ހުށަހެޅީ، ފަންނީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަބާވާންޖެހޭ ގާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް އަމަލުކުރަން ލާޒިމުކުރާ އުސޫލުތަކާވެސް ޚިލާފަށް އަމަލުކޮށްފައިވާތީ ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގާސިމް ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން މިއަދު ސިންގަޕޫރު އެއާލައިނުން ޓިކެޓް ބުކްކޮށް މެޑިކަލް ޑޮކިއުމެންޓްތައް ހުށަހެޅުމުން ދަތުރު ނުކުރެވޭނެ ކަމަށް އެއާލައިނުން އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ސަރުކާރުގެ އެންގުމާ އެއްގޮތަށް 25 ސެޕްޓެމްބަރ 2017 ގެ ސިންގަޕޫރު އެއަރލައިންސް ފްލައިޓް SQ 452 އިން މާލެއަށް އައުމަށް ޓިކެޓް ކޮންފަރމް ކޮށް، މެޑިކަލް އިންފޮރމޭޝަން ފޯރމާއެކު ސިންގަޕޯރ އެއަރލައިންސް ގެ އޮފީހަށް ގެންދިޔުމުން، އެމަނިކުފާނަކީ ފްލައިޓްގައި ދަތުރުކުރުމަށް މެޑިކަލީ އަންފިޓް މީހަކަށްވާތީ، ފްލައިޓްގައި ދަތުރު ނުކުރެވޭނެކަމަށް އެއާލައިނުން އެމަނިކުފާނަށް އެންގެވި" ބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމަށް ބޭސްފަރުވާއަށް ފުރަތަަމަ ދިނީ 10 ދުވަހެވެ. އޭގެ ފަހުން އިތުރު 10 ދުވަހުގެ މުއްދަތެއް ގާސިމަށް ދެއްވާފަ އެވެ.

comment ކޮމެންޓް