އިންޑިއާއަށް ވަންނަ ރޮހިންގާ މީހުން ހުއްޓުވަން ހަތިޔާރު ބޭނުންކުރަން ފަށައިފި

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންގާ މުސްލިމުން މިޔަންމާ އަދި ބަންގުލަދޭޝްގެ ގުޅޭ ބޯޑަރު ކައރީގައި--- ފޮޓޯ/ ރޮއިޓާސް

މިޔަންމާ ސިފައިންގެ ލާ އިންސާނީ އަމަލުތަކުން ސަލާމަތްވުމަށް އިންޑިއާއަށް ވަންނަން އުުޅޭ ރޮހިންގާ މުސްލިމުން ހުއްޓުވުމަށް އިންޑިއާއިން ސްޓަން ގްރަނޭޑާއި މިރުސް ސްޕްރޭ ބޭނުން ކުރަމުންދާކަން އިންޑިއާގެ އޮފިޝަލުން ކަަށަވަރުކޮށްދީފިއެވެ.

ރޮހިންގާ މުސްލިމުން އިންޑިއާއަށް އާންމުކޮށް ވަނުމަށް ބޭނުންކުރާ ބަންގުލަދޭޝްގެ ބޯޑަރުތަކުގެ ސެކިޔުރިޓީ ވެސް އިންޑިއާއިން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

އިންޑިއާ އިން ވަނީ އެ ގައުމުގައި ދިރިއުޅޭ 40،000 ރޮހިންގާ މުސްލިމު ރެފިއުޖީންނަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެ މީހުން ހައްޔަރުކޮށް ނުވަތަ އެ މީހުންނަށް އެެއްވެސް އަނިޔާ އެއް ދޭކަށް. އަދި ރޮހިންގާ މުސްލިމުން މި ގައުމަށް އެއްވެސް ހާލެއްގައި ވަނަކަ ނުދޭނަން،" ނިއުދިއްލީގެ ބޯޑަރު ސެކިޔުރިޓީގެ އޮފިޝަލެއް ވިދާޅުވި އެވެ.

ރޮހިންޔާ މުސްލިމުންގެ މައްސަލަ އަނެއްކާ ވެސް ސަމާލު ކަމަށް އައީ މިޔަންމާ ސަރުކާރުން ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނަކުން ސަލާމަތްވުމަށް އެތައް ލައްކަ ރޮހިންޔާ މީހުން ބަންގުލަދޭޝަށް ވަންނަން ފެށި ހިސާބުންނެވެ. މިޔަންމާ ސަރުކާރުން ބުނީ އެ އަސްކަރީ އޮޕަރޭޝަން ފެށީ ދާދިފަހުން ރޮހިންޔާ އިން އުފެއްދި "އަރަކާން ރޮހިންޔާ ސެލްވާޝެން އާމީ (އަރުސާ)" އިން ދިން ހަމަލާތަކެއްގައި މިއަންމާގެ 100 ސިފައިން މަރުވުމުންނެވެ.

ރޮހިންޔާ މުސްލިމުން ބުނާ ގޮތުގައި މިޔަންމާ ސިފައިން ދަނީ އެއްވެސް ބެލުމެއް ނެތި މުސްލިމުންގެ ގަޔަށް ބަޑިޖަހައި އެމީހުންގެ އަވަށްތަކުގައި އަލިފާންޖަހައި ގެދޮރާއި އަވަށްތައް ސުންނާފަތި ކުރަމުންނެވެ.

ރޮހިންގާ މުސްލިމުންނަށް މިފަހުން ހަމަލާތައް ދޭން ފެށިފަހުން ފާއިތުވި ތިން ހަފުތާގެ ތެރޭގައި ހަތަރުލައްކަ މީހުން ވަނީ އެމީހުން ދިރިއުޅުނު އަމިއްލަ ވަޒަން ދޫކޮށް ބަންގުލަދޭޝަށް ހިޖުރަކޮށްފައެވެ.

ބަންގުލަދޭޝަށް އެތެރެވަމުންދާ ރޮހިންގާ މުސްލިމުންގެ އަދަދު އިތުރުވެ އެހީދޭ ޖަމާއަތްތަކަށް ވެސް ނުކަތާ ވަރު ވެފައިވާއިރު ރޮހިންގާ މުސްލިމުން ގިނަ އަދަދަކަށް އިންޑިއާއަށް ވަންނާނެ ކަމަށް ވެސް ވަނީ ބެލެވެން ފަށައިފައެވެ. ދާދި ފަހުން އިންޑިއާއިން ވަނީ އެ ގައުމުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން ޑީޕޯޓްކުރުމަށް ނިންމައިފައެވެ.

comment ކޮމެންޓް