އިސްލާމިކް ފައިނޭންސަށް އެކަނި ޑިމާންޑް ކުރާނެ ދުވަސް ދެކެން ބޭނުން: ޑރ. މުނީޒާ

އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ މަހާސިންތާގައި ޑރ. އައިޝަތު މުނީޒާ ވާހަކަ ދައްކަވަނީ--ސަން ފޮޓޯ : ފަޔާޒު މޫސާ

މުޅި ދިވެެހިރާއްޖެ އިން ހަމައެކަނި އިސްލާމިކް ފައިނޭންސަށް ޑިމާންޑް ކުރާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާވުމަން ޑރ. އައިޝަތު މުނީޒާ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގައި މިއަދު ކުރިއަށް ގެންދާ އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ މަހާސިންތާގައި ވާހަކަދައްކަވަމުން މުނީޒާ ވިދާޅުވީ ރާއްޖޭގެ ގިނަ ކުންފުނިތަކުން ރާއްޖޭގެ ކެޕިޓަލް މާކެޓް ބޭނުންކޮށްގެން ފައިނޭންސް ރެއިސް ކުރުމަށް މަސައްކަތް ނުކުރަނީ ގިނަ ކުންފުނިތަކަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ނޭނގޭތީވެ ކަމަށެެވެ. އަދި އެކަމާ ގުޅޭ ބައެއް ގާނުނުތައް ހުރިގޮތުން އެފަދަ ކުންފުނިތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ވެސް ފައިނޭންސް ރެއިސް ކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށްދާ އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ މަހާސިންތާގެ ތެރެއިން--ސަން ފޮޓޯ : ފަޔާޒު މޫސާ

މުނީޒާ އިތުރަށް ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަފާތު ވައްތަރުގެ ގިނަ ހިދުމަތްތަކެއް އާންމުންނަށް ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އާންމުންގެ މީހެއް ކައިރީގައި އިސްލާމިކް ބޭންކު ނުވަތަ އިސްލާމިކް ފައިނޭންސް އާ ބެހޭ ގޮތުން އަހައިފި ނަމަ އެމީހުން ބުނާނެ ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ތައުލީމު ހޯދުމަށް އެއްވެސް ފައިސާއެއް ނުލިބޭ ވާހަކަ. މިއީ އާންމުންގެ ހުރި ކަންބޮޑުވުންތަކަކީ. ގިނަ ފަހަރު އާންމުންނަކަށް ނޭނގޭ ބޭންކުން ލިބޭ ހިދުމަތްތަކެއް އަދި އެ ހިދުމަތްތައް ހޯދާނެ ގޮތެއް ވެސް. އަޅުގަނޑު ބޭނުން ވަނީ އާންމުންނަށް ތަފާތު ގިނަ އަދި މިއަށް ވުރެ މާ ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ދުވަހެއް،" މުނީޒާ ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށްދާ އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ މަހާސިންތާގެ ތެރެއިން--ސަން ފޮޓޯ : ފަޔާޒު މޫސާ

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ރާއްޖޭގެ އިލްމުވެރިންގެ އިތުރުން، ތުރުކީ އާއި އިނގިރޭސި ވިލާތް، މެލޭޝިއާ، ޖަޕާން، ޖޯޑަން އަދި މިސްރާއި ފަލަސްތީނުން ކަރުދާސް ހުށަހަޅާފައިކަމަށް އައިޔޫއެމް އިން ބުންޏެވެ.

އައިއެމްޔޫއެން ބުނީ އެ މަހާސިންތާގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

comment ކޮމެންޓް