ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒު ތަރައްގީކުރުމަށް 1.7 މިލިއަން ރުފިޔާގެ އެހީ

ރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމު ޖަޒްލާން

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ތަރައްގީކުރުމަށް 1.7 މިލިއަން ރުފިޔާގެ އެހީއެއްދީ، ހެލްތް މިނިސްޓްރީއާ އެކު ތިން ކޮސްޓްރަކްޝަން ކުންފުންޏެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއި ކުރި ތިން ކޮންސްޓްރަކްޝަން ކުންފުންޏަކީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

ރޯޝަނީ ބިލްޑިންގްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެންމެ ބޮޑަށް މިވަގުތު އަޅާލުން ބޭނުންވެފައިވަނީ ގުރައިދޫ ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒަށް ކަމަށެވެ.

ރައީސް އަބުދުﷲ ޔާމީން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑަށް އަޅާލުން ބޭނުން ވެފައިވާ މަރުކަޒަކީ ގުރައިދޫ މަރުކަޒު ކަމަަށާއި އެ މަރުކަޒުގެ ބާވެފައިވާ އިމާރާތާ އެތަނުގައި ތިބޭ މީހުންނަށް ހިދުމަތް އިތުރަށް ފުޅާކޮށްދިނުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ތަރައްގީ ކުރުމަށް 1.7 މިލިއަން ރުފިޔާގެ އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު- ސަން ފޮޓޯ/ މުހައްމަދު ޖަޒްލާން

"އަމިއްލަ ކުންފުނި ޖަމާއަތްތަކުން ވެސް މި ފަދަ ފަރާތްތަކަށް އެހީތެރިކަން ހޯދުމަށް ރައީސް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނަފްސާނީ ބަލި ޖެހިފައި ތިބިި ކުދިންނަށް ވަކިން ހާއްސަކޮށް އެތަނުގައި އިމާރާތެއް ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ފަދަ ކުދިން އެ މަރުކަޒުގައި ބޭތިއްބުމަކީ ރަގަޅު ކަމެއް ނޫންކަމަށެވެ. އެ ފަދަ ކުދިން ކުޑަކުދިން މަރުކަޒުގައިވެސް އާންމު ކުދިންނާ އެކީ ގެންގުޅުމަކީ އެހާ ރަގަޅު ކަމެއް ނޫންކަމަށެވެ.

"ނަފްސާނީ މައްސަލަ ހުންނަ ކުދިން ކުޑަކުދިންގެ މަރުކަޒުގައި ތިބޭ އާންމު ކުދިންނާ އެކީ ބޭތިއްބުމަކީ އެހާ ހެލްތީ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ގޮތުން އެ ފަދަ ކުދިންނަށް ހާއްސަކޮށްގެން ގުރައިދޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަަރުކަޒުގައި ވޯޑެއް ހަދަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެ މަރުކަޒު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަރުކަޒުގައި ތިބޭ މީހުންގެ ލޯންޑްރީ ހިދުމަތްވެސް އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ވޯޑެއް ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައިވެސް އެ މަރުކަޒުގެ އެކިއެކި ބޭނުންތަކަށް 12.5 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް