ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ފެތުންތެރިންގެ ޓީމާއި ރާޒުވާ ޓީމު ތުރުކެމެނިސްތާނަށް ހިނގައްޖެއެވެ.
ތުރުކެމެނިސްތާންގެ އަޝްޣަބަތުގައި ކުރިއަށްދާ ގޭމްސްގެ ޝޯޓް ކޯސް ސްވިމިންގ އިވެންޓުގައި ދިވެހި ހަ ފެތުންތެރިޔަކު ވާދަ ކުރެއެވެ. އެއީ ފިރިހެން ތިން ފެތުންތެރިންނާއި އަންހެން ތިން ފެތުންތެރިންނެވެ.
އެ ހަ ފެތުންތެރިންގެ ތެރޭގައި ހިމެނެނީ އަލީ އަމާނާއި އަޝްރަފް ހަސަނާއި މުބާލް އައްޒާމް އިބްރާހީމާއި އައިޝަތު ސައުސަން އާއި އައިމިނަތު ޝަޖަންގެ އިތުރުން އައިމިނަތު ސާޖިނާއެވެ.
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގެ ޝޯޓް ކޯސް ސްވިމިންގެ 15 އިވެންޓެއްގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްވިމިންގ ޓީމުގެ އިތުރުން މުބާރާތުގައި ތުރުކެމެނިސްތާނަށް ދިޔަ ރާޒުވާ ޓީމުގައި ހަތަރު ރާޒުވާ ކުޅުންތެރިން ހިމެނެއެވެ. ރާޒުވާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަހުމަދު އަޝްރަފާއި މުހައްމަދު ޝުނާއު އާއި ނާހިޔާ އަހުމަދުގެ އިތުރުން ޝަހުދާ މުހައްމަދެވެ.
މިމަހުގެ 26ގެ ނިޔަލަށް ކުރިއަށްގެންދާ އެ ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމާއި އެތުލެޓިކްސް ޓީމުގެ އިތުރުން ބިލިއާޑް ޓީމު ވެސް ވަނީ ތުރުކެމެނިސްތާނަށް ގޮސްފައެވެ.