ފަޔަށް އަނިޔާވެ ނޯޔާ ހަތަރު މަހަށް ކުޅުމާ ދުރަށް

ބަޔާންގެ ގޯލު ކީޕަރު މެނުއަލް ނޯޔާ--

ބަޔާން މިޔުނިކް އަދި ޖަރުމަނުގެ އެއް ނަމްބަރު ގޯލްކީޕަރު މެނުއަލް ނޯޔާގެ ފައިތިލައަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބަޔާން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ޓްރޭނިން ސެޝަންގެ ތެރެއިން ނޯޔާގެ ވާތުފައިގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި ޝަލްކޭ އާ ދެކޮޅަށް ކުޅޭ މެޗުގައި ނޯޔާ އަށް ނުކުޅެވޭނެ ކަމަށެވެ.

އުމުރުން 31 އަހަރުގެ ނޯޔާ އަށް މީގެ ހަ މަސް ކުރިން ވެސް ވަނީ ފައިގެ އަނިޔާ އަކާ ކުރިމަތިލާން ޖެހިފައެވެ. އިތުރަށް ޓެސްޓުތައް ހެދުމަށް ފަހު އޭނާގެ ފައި މިއަދު ވަނީ އޮޕަރޭޝަން ކޮށްފައެވެ.

"އޮޕަރޭޝަން ވަރަށް ކާމިޔާބު. އަހަރެމެން ބަލާނީ ކުރިއަށް. ނޯޔާ އެނބުރި ކުޅުމުގެ ތެރެއަށް ދެން އަންނާނީ ޖެނުއަރީ މަހު. އެއީ ހިތާމަވެރި ޚަބަރެއް،" ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގޭ ބުންޏެވެ.

ނޯޔާ ވަނީ މިހާތަނަށް ބަޔާން ކުޅުނު ހަތަރު މެޗެއްގައި އެ ޓީމުގެ ގޯލު ބަލަހައްޓާފައެވެ. ނޯޔާގެ ބަދަލުގައި ދެން ގޯލު ބަހަލައްޓާނެ ކަމަށް ބެލެވެނީ ސްވެން އުލްރިކް އެވެ.

މިދިޔަ ފަސް ސީޒަނުގައި ވެސް ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން އަށް މި ސީޒަނުގައި ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބުންޑެސްލީގާގައި ބަޔާން މިރޭ ނިކުންނާނީ ޝަލްކޭ އާ ދެކޮޅަށެވެ.

comment ކޮމެންޓް