މެސެންޖާ މެދުވެރިކޮށް އުރީދޫއާ ގުޅުވާލައިފި

އުރީދޫއިން ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ދުނިޔޭގެ ވެސް އެންމެ ގިނަ އެއްބަޔަކު ބޭނުން ކުރަމުން އަންނަ ފޭސްބުކް މެސެންޖާ މެދުވެރިކޮށް އުރީދޫއާ ގުޅުވާލައި މުޅިން އައުު ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމެއް ތައާރަފް ކޮށްފި އެވެ.

މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ތައާރަފް ކުރި އައު ޕްލެޓްފޯމަކީ، ރާއްޖޭގެ މޯބައިލް ހިދުމަތް ބޭނުންކުރައްވާ ކޮންމެ މޯބައިލް ކަސްޓަމަރަކަށް ވެސް ފޭސްބުކް މެސެންޖާ ބޭނުންކޮށް އުރީދޫ އާ ބެހޭ ތަފާތު މައުލޫމާތުތައް ސާފުކޮށް ހިދުމަތް ހޯދޭނެ ޕްލެޓްފޯމެއްކަމަށް އުރީދޫއިންް ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އުރީދޫ ނެކްސްޓްގެ ނަމުގައި ތައާރަފް ކުރި ޕްލެޓްފޯމާ އެކު ހާސިލްވެގެން އެދިޔައީ ޑިޖިޓަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު ފުރުސަތުތަކަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުން ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"މިއަދު ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ ކަސްޓަމަރުންނާ އެކު މުއާމަލާތު ކުރުމަށް މުޅިން އައު ގޮތެއް. މި ޕްލެޓްފޯމް މި ފެށިފައި ވަނީ ފޭސްބުކް މެސެންޖާގައި، އަދި ކުރިއަށް އޮތްތަނުގައި މަގުބޫލު އެހެން ސޯޝަލް މީޑިއާތަކުގައި ވެސް ފުޅާކުރެވިގެން ދާނެ،" ސީއީއޯ ނަޖީބް ވިދާޅުވި އެވެ.

އުރީދޫ ނެކްސްޓް ބޭނުން ކުރުމަށްޓަކައި މެސެންޖާގައި ސްކޭން ކުރަންޖެހެ ކޯޑް --

އެއްވެސް އިތުރު އެޕްލިކޭޝަނެއް ޑައުންލޯޑް ނުކޮށް އުރީދޫނެކްސްޓްގެ ސީކްރެޓް ކޯޑް މެސެންޖާގައި ސްކޭން ކޮށްލައްވައިގެން އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި އެ ހިދުމަތް ބޭނުންކުރަން ފެށުމުން އުރީދޫއަށް ގުޅަން ނުޖެހި ގިނަ ހިދުމަތްތަކެއް އޭގެ ސަބަބުން ފުރިހަމަ ކަމާއެކީ ލިބިގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ ނެކްސްޓަކީ ހަތަރު ބިލިއަން ކަސްޓަމަރުންގެ ޕްރީޕެއިޑް މޮބައިލް މާކެޓްގައި ކުރެވޭ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި، "ފާސްޓްފޯވާޑް ޑޮޓް އޭއި" އާ ގުޅިގެން ތައާރަފް ކުރި ޕްލެޓްފޯމެއް ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް