ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމުގޮތުން ބ. ފުޅަދޫ ރައްޔިތުން އިސްނަގައިގެން ފައިސާ އެއްކުރުމަަށްޓަކައި ފާނައަށް ގޮސްފިއެވެ.
ފުޅަދޫގެ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނަދީމް "ސަން" އަށް ވިދާޅުވީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް އެ ރަށުން ހަތަރު ދޯނި ފާނައަށްގޮސްފައިވާ ކަމަށެވެ. އަދި މަހަށް ދިޔަ ދޯނިތައް އަންނާނީ ދެ ދުވަސް ފަހުން ކަމަށް ވެސް ނަދީމް ވިދާޅުވިއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަންކުރަނީ-- ފޮޓޯ : އޭދަފުށީޓައިމްސް
ފާނައިގެ މަސްވެރިކަން ކޮށްގެން ލިބޭ ފައިސާ ޖަމާކުރާނީ ސަރުކާރުން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓަށް ކަމަށް ނަދީމް ވިދާޅުވިއެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށްޓަކައި ފުޅަދޫގައި ތިން ފަންޑު ފޮށި މިދިޔަ ހަފުތާގައި ބަހައްޓައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރޮހިންގާ މުސްލިމުންނަށް އެހީވުމަށްޓަކައި ދަނީ ތަފާތު ހަރާކަތްތައް ހިންގަމުންނެވެ. އަދި އެކަމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމުތައް ވިލެރެސް ކުރުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ ކޮމެޓީއެއް ވެސް އުފައްދައިފައެވެ.
މިޔަންމާގެ ސިފައިން ދާދިފަހުން ފެށި އަނިޔާވެރި މިލިޓަރީ އޮޕަރޭޝަނާއެކު، ސަލާމަތްތެރިކަން ހޯދުމަށްޓަކައި ރޮހިންގާގެ ގިނަބަޔަކު ވަނީ ބަނގުލަދޭޝަށް އެތެރެވެފައެވެ. އދ. އިން އަންދާޒާ ކުރާގޮތުގައި ބަނގުލަދޭޝަށް އެތެރެވި ރޮހިންގާ މުސްލިމުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އަރައިފައެވެ.
އެހީދޭ ޖަމާއައްތަކުން މިހާރުވެސް ވަނީ އިމަޖެންސީ އެހީގެ ގޮތުގައި 77 މިލިއަން ޑޮލަރު މިއަހަރު ނިމެންވާއިރަށް ބޭނުންވާކަމަށް ބުނެފައެވެ.