އެޗްއޭއެފް އައިލެންޑް ކަޕް 2017ގައި ރ. އަލިފުށި ތަމްސީލުކުރާ ޓީމް މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެޓީމްގެ މެނޭޖަރު ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
އެ މުބާރާތުގައި މިއަހަރު އަލިފުށި ޓީމް ކުޅޭނީ، އެރަށަށް ނިސްބަތްވާ ރާއްޖޭގެ ޤައުމީ ޓީމްގެ ކުޅުންތެރިޔާ މުޙައްމަދު ރަޝީދު (ހޮކޭ) ގެ ކެޕްޓަންކަމުގަައެވެ. މީގެއިތުރުން ޓީމް އެކުލަވާލެވިފައިވަނީ އަލިފުށީގެ އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ކަމަށާއި، އޭގެތެރޭގައި ފަސްޓް ޑިވިޝަނަށް ކުޅޭ ކުޅުންތެރިންނާއި ފުޓްސެލް ނެޝަނަލް ޓީމްގެ ކުޅުންތެރިއެއްވެސް ހިމެނޭ ކަމަށް ޓީމްގެ މެނޭޖަަރު ވިދާޅުވިއެވެ.
މެނޭޖަރު ފާހަގަކުރެއްވި ގޮތުގައި އަލިފުށި ޓީމް ފުރިހަމަވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޓީމްގެ ކޯޗަކަށް މަޝްހޫރު ފުޓުސަލް ކޯޗް އަހުމަދު ނިޔާޒް (ނިޔާ) ހުރުމެވެ. އަދި މިފަހަރުގެ މުބާރާތަށް އަލިފުށީގެ ޓީމް ނުކުންނަނީ ވަރަށް ޖޯޝާއެކު، ސީދާ ޗެމްޕިއަންކަމަށް އަމާޒު ހިފައިގެން ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެޗްއޭއެފް އައިލެންޑް ކަޕްގައި ބައިވެރިވާ އަލިފުށީ ޓީމްގެ ބައިވެރިންނަށް ޖޯޒީ ހަވާލުކޮށްދެއްވައި ހޮކޭ އަށް ކެޕްޓަން ބޭންޑު ހަވާލުކޮށްދެއްވީ ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އަލިފުށި ޓީމް މިހިސާބަށް ގެނައުމުގައި އަލިފުށި ދާއިރާގެ މަޖިލިސް މެމްބަރު ބިގޭ އާއި ސަލްސާ ރޯޔަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާމިރު އަދި އަލިފުށީގެ ޒުވާނުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ޓީމްގެ މެނޭޖްމެންޓުން ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އަލިފުށީގެ ވިޔަފާރިވެރިންނާއި ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުން މެނޭޖްމަންޓުން ފާހަގަކުރިއެވެ.
މީގެއިތުރުން ކުރީގެ މުބާރާތްތަކުގައި އެރަށުގެ ޒުވާނުންނާއި އާންމުންގެ ފަރާތުން އަލިފުށި ޓީމަށް ލިބިގެންދިޔަ ފަދަ ފުރިހަމަ ސަޕޯޓަކާ އެއްބާރުލުމެއް މިފަހަރުގެ މުބާރާތުގައިވެސް ލިބިގެންދާނެ ކަމަށް މެނޭޖްމެންޓުން އުއްމީދުކުރެއެވެ.
ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އަލިފުށީ ޓީމް ވަނީ މިދިޔަ ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައެވެ.