ގުޖުރާތުގެ ސިޓީއެއް ކަމަށްވާ ވަދަދޯރާގެ ހިންދޫންގެ މީހެއްގެ މަރުގެ ހާދިސާއަށް ފަހު މުސްލިމުންނަށް މާގިނައިން އިންޒާރު ލިބެމުންދާތީވެ 57 މުސްލިމު އާއިލާއަކުން އެ ސަރަހައްދު ދޫކޮށް ހިނގައްޖެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ނަޒީމް ހާން ޕަތަން ކިޔާ މުސްލިމަކު ހިންދޫންގެ މީހެއްކަމަށްވާ މަންހަރު ވާރިޔާއާ ދެމެދު ހިނގި ޒުވާބެއްގައި އޭނާ ގަޔަށް ވަޅިހެރުމުގެ ސަބަބުން މަރުވުމުންނެވެ.
މަންހަރުގެ މަރަށް ފަހު އެ ހިސާބުގައި ދިރިއުޅޭ ހިންދޫންގެ މީހުން ވަނީ ނަޒީމްގެ ގެއަށް ހަމަލާދިނުމުގެ އިތުރުން އެ ހިސާބުގައި އުޅޭ މުސްލިމުންނަށް ވެސް އިންޒާރުތައް ދީފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުންޏެެވެ.
"އެ އާއިލާތައް އެ ސަރަހައްދު ދޫކޮށްދިޔައީ އެ މީހުންގެ ގެންގުޅޭ ހުރިހާ އެއްޗެއްވެސް ބަހައްޓާފައި. އެމީހުން އެތިބީ އެ ސަރަހއްދަށް އަނބުރާ އަންނަން ނުކެރިގެން. އަހަރެމެން މަސައްކަތްކުރަނީ އެ އާއިލާތައް އެސަރައްހަދަށް ގެނެސް ޕޮލިސް ކޮމިޝަނަރާ ވާހަކަ ދައްކައިގެން އެ މީހުންނަށް ސެކިއުރިޓީ ދެވޭތޯ،" އެކްޓިވިސްޓެއް ކަމަށްވާ ޝައުކަތު އިންދޯރީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.
ގުޖުރާތަކަކީ މުސްލިމުންނާ ހިންދޫންނާ ދެމެދު ވަރަށް ބޮޑަށް ނުތަނަވަސްކަމެއް އޮންނަ ސްޓޭޓްއެކެވެ. އެގޮތުން 2002 ވަނަ އަހަރު މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެތައް ސަތޭކާ މުސްލިމުންނެއް ހަރުކަށި ހިންދޫންގެ އަށްދަށުގައި ވަނީ މަރުވެފަ އެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި މުސްލިމުން މެރުމުގައި ވަރަށް ބޮޑަށް ޝާމިލުވެފައިވާ ފަރާތެއްކަމަށް ގިނަބަޔަކު ތުހުމަތު ކުރެ އެވެ.