ރޮހިންގާ މުސްލިމުންނަށް އެހީދޭ ގްރޫޕްތަަކަށްވެސް ނުތަކާ ވަރުވެފައި!

ރެފިއުޖީ ކޭމްޕުތަކުގައި ރޮހިންޔާ މުސްލިމުން ސަފަކަށް އެތުރިލައިގެން --

ކޯރުގެ އައްސޭރިފަށަށް ބޯޓު ބީއްސާލުމާއެކު ބެމްބޫ އޮނަކަށް ފޮތިގަނޑެއް އޮޅައިލައި އެއަށް މުސްކުޅިއަންހެނަކު ލައިގެން ރޮހިންގާގެ ދެ މީހަކު ހިނގަމުން އައިއިރު ބަނގުލަދޭޝްގެ ބަޔަކު ތިބީ އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ފެނާއި އާފާލާއި ބިސްކޯދު ޕެކެޓް ހިފައިގެންނެވެ.

ރޮހިންގާގެ އެއްބައި ރެފިއުޖީން ނަފް ކޯރުގެ ބަނގުލަދޭޝް ފަޅިއަށް އާދެވުނުއިރު މިޔަންމާ ފަޅީގައި ކޯރު ހުރަސްނުކުރެވި އެތައް ބަޔަކު އެބަތިއްބެވެ.

ރޮހިންގާ މުސްލިމުންނަށް މިފަހުން ހަމަލާތައް ދޭންފަށިފަހުން ފާއިތުވި ތިން ހަފުތާގެ ތެރޭގައި ހަތަރުލައްކަ މީހުން ވަނީ އެމީހުން ދިރިއުޅުނު އަމިއްލަ ވަޒަން ދޫކޮށް ބަނގުލަދޭޝަށް ހިޖުރަކޮށްފައެވެ. ރޮހިންގާގެ ރެފިއުޖީން ބަނގުލަދޭޝަށް އެތެރެވަނީ ހުސްފައިގައި އެތައް ދުވަހެއް ވަންދެން ޖަންގަލީގައި ހިނގުމަށްފަހު ބަނގުލަދޭޝާއި މިޔަންމާ ގުޅޭ ގަދަ ނަފް ކޯރުހުރަސް ކޮށްފައެވެ.

ހިޖުރަކުރާ ރެފިއުޖީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ރޮހިންގާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމާއަތްތަކަށް ވެސް މިހާރު ވަނީ ނުތަކާވަރުވެފައެވެ. ރެފިއުޖީ ކޭމްޕްތައް ފުރިގެންގޮސް ބައެއް ރެފިއުޖީން މިހާރުވެސް އުޅެމުންދަނީ އެ ހިސާބުގެ ކައިރި މަގުތަކުގައެެވެ.

ރޮހިންގާ މުސްލިމުން ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގެ ތެރޭގައި

"މިހާރު ރެފިއުޖީން އައިސް މިތަން މިއޮތީ ފުރިފައި. ކުޑަދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ހީކުރީ ހުރިހާ ރެފިއުޖީން އައިސް ނިމުނީކަމަށް. ނަމަވެސް އެމީހުން އަދިވެސް ކެނޑިނޭޅި އެ އަންނަމުންދަނީ. ކުރިއަށްވުރެ މިހާރު ރެފިއުޖީން އަންނަވަރު އަދި މާ ގިނަ،" ޔޫއެންގެ ރެފިއުޖީ އޭޖެންސީގެ ސްޕޯކްސްޕާސަން ވިވިއާން ޓެން ވިދާޅުވިއެވެ.

މުޅި ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ރޮހިންޖާ މުސްލިމުން ތިބީ ކިއު ހަދާލައިފައެވެ. ހަނޑޫބަސްތާތަކުގެ މަތީގައި އިށީނދެލައިގެން ރެފިއުޖީން ތިބިއިރު އެމީހުން ގެނައި ހިފައި ގެންގުޅޭ ސާމާނުތައްވެސް އެތާ ބަހައްޓާފައި ހުއްޓެވެ. އަނެއްބަޔަކު ތިބީ މުސްކުޅިން ކޮނޑަށްލައިގެންނެވެ.

ބަނގުލަދޭޝްގައި އަމާންކަން އެމީހުންނަށް އިހުސާސް ކުރެވުނަސް އެމީހުންނަށް ބަނގުލަދޭޝްގައި ދާނެ ވަކިތަނެއް ވެސް ނެތެވެ.

އެހީދޭ ޖަމާއައްތަކުން މިހާރުވެސް ވަނީ އިމަޖެންސީ އެހީގެ ގޮތުގައި 77 މިލިއަން ޑޮލަރު މިއަހަރު ނިމެންވާއިރަށް ބޭނުންވާކަމަށް ބުނެފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެހީދޭ ފާރާތްތަކަށް ބަޖެޓުކޮށްފަައިވަނީ ތިން ލައްކަ މީހުންނަށް އެހީ ފޯރުކޮށްދޭވަރަށެވެ. ނަމަވެސް މިހަފްތާ ނިމުނުއިރު ބަނގުލަދޭޝަށް އެތެރެވި ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ ހަތަރުލައްކައަށް އަރައިފައެވެ.

އެހީދޭ ޖަމާއަތްތަކަށް ނުތަކާ ވަރުވެފައިވާ އިރު ބަނގުލަދޭޝްގެ ކޮކްސް ބާޒާރުގައި ދިރިއުޅޭ އާންމުންގެ އެތައް ބަޔަކު ވެސް ދަނީ ރޮހިންގާ މުސްލިމުންނަށް އެހީވަމުންނެވެ.

ރޮހިންގާ މުސްލިމުން ވާރެއިން ހިޔާވުމަށް ރެފިއުޖީ ކޭމްޕެއްގެ އަސްކަނި ދަށުގައި މަޑުކޮށްލައިގެން --

"ބޭރުގެ އެހީ ރޮހިންގާ މުސްލިމުންނަށް ވަރަށް ބޮޑަށް ބޭނުންވޭ. ބަނގުލަދޭޝްއަކީ ފަގީރު ގައުމެއް. ރޮހިންގާ މުސްލިމުންނަކީ އަހަރުމެންނަށް ބޮޑު މައްސަލައަކަށް ވަނީ ވެފައި،" ބަނގުލަދޭޝްގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަޒައި ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ރޮހިންގާ މުސްލިމުން ބަނގުލަދޭޝަށް އެތެރެވާލެއް ގިނަވުމުގެ ސަބަބުން އެމީހުންނަށް އެހީވާނީތޯ ނޫނީ ނުވާނީތޯ ވެސް ވަނީ އެ ސަރަހައްދުގެ އާންމުންގެ މެދުގައި ބަހުސަކަށްވެފައެވެ. ނަމަވެސް މިފަހަރުގެ ހަމަލާތައް ދޭންފެށިފަހުން ރޮހިންގާގެ ގިނަ ބަޔަކު އަންނަން ފެށިފަހުން އެސަރަހައްދުގެ ގިނަބަޔަކު ދަނީ ރޮހިންގާ މީހުންނަށް ވަރަށް ބޮޑަށް އެހީވަމުންނެވެ.

ރޮހިންގާ މުސްލިމުންނަށް އެހީ ފޯރުކޮށްދޭ ޖަމާއަތެއްގައި އުޅޭ ޖާޝިމުއްދީން ބުނީ ރޮހިންގާ މުސްލިމުން އައިފަހުން މާރުކޭޓުގައި މަސް ލިބޭލެއް މަދުވެ ތަކެތީގެ އަގުވެސް ބޮޑުވަމުން ދާ ކަމަށެވެ.

"އަހެރެމެންނަށް ވެސް އެހީ ދެވޭނީ ވަކި ވަރަކަށް ދޯ. ނަމަވެސް ރޮހިންގާ މުސްލިމުން މިތަނަށް އަންނަ ވަރަށް ބަދަލެއް ނާދޭ،" ޖާޝިމުއްދީން ބުންޏެވެ.

comment ކޮމެންޓް