މިޔަންމާ ސަރުކާރުން، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާއަށް ކެތްނުކުރެވިގެން، އެ ގައުމު ދޫކޮށް، ބަންގްލަދޭޝަށް އެތެރެވި ރޮހިންޔާ މީހުންގެ ވާހަކަތައް އެންމެ ތާޒާކަމާއެކު ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި ސަން އޮންލައިންގެ ދެ ނޫސްވެރިޔަކު ބަންގްލަދޭޝްއަށް މިއަދު ފުރައިފި އެވެ.
މިއަންމާ އާއި ބަންގްލަދޭޝްއާ ގުޅޭ ބޯޑަރު ސަރަހައްދަށް ދިއުމަށް ރާއްޖެއިން މިއަދު ފުރި ދެ ނޫސްވެރިންނަކީ ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަން އާއި ނޫސްވެރިޔާ މުހައްމަދު ސަމާހު އެވެ.
އެ ދަތުރާ ގުޅޭ ގޮތުން ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް މިއަދު ދިމާވެފައިވާ ހާލަތާ ގުޅިގެން އެ މީހުންގެ ގާތަށް ގޮސް، އެ ވާހަކަތައް މުޅި މުޖުތަމައުއަށް ގެނެސްދޭންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އެހެންކަމުން ސަންގެ ނޫސްވެރިން މިއަންމާ އާއި ބަންގުލަދޭޝްއާ ގުޅޭ ބޯޑަރު ސަރަހައްދަށް ގޮސް އެ "ގްރައުންޑުން" އެންމެ ތާޒާކަމާއެކު އެ މީހުންގެ ވާހަކަތައް ގެނެސްދޭނެ ކަމަށް ސިނާން ވިދާޅުވި އެވެ.
ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުނަށް ލިބުނު އަނިޔާތަކާއި އެ މީހުންނަށް މިއަދު ދިމާވެފައިވާ ހާލަތަކީ ދިވެހިން އެކަމާމެދު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެއްވެސް ހުރަހެއް ނެތި އެ ވާހަކަތައް ސަންގެ ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނުމަކީ ސަންގެ އަމާޒު ކަމަށާއި މިޔަންމާއާ ގުޅޭ ބޯޑަރު ސަރަހައްދަށް ދިޔަ "ސަން" ގެ ދެ ނޫސްވެރިން އެ ޒިންމާ އަދާކުރާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
ސަން މީޑީއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒު ވިދާޅުވީ ސަން މީޑިއާގެ ކުޑައިގެ ދަށުގައި ހިމެނޭ ސަން އޮންލައިނާއި ސަން ޓީވީ އާއި ސަންއެފްއެމްގެ އިތުރުން ސަން މެގަޒިނުން ވެސް އެ ވާހަކަތައް ދިވެހިންނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.
މިއީ ރާއްޖޭގެ މީޑިއާއަކުން ރޮހިންޔާ މީހުންގެ ގާތަށް ގޮސް، އެމީހުންގެ ވާހަކަތައް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
ސަންގެ ނޫސްވެރިން މިއަދު ބަންގްލަދޭޝަށް މިއަދު ފުރިނަމަވެސް، އެ ނޫސްވެރިންނަށް ރޮހިންޔާ މީހުން ދިރިއުޅޭ ކޭމްޕުތަކަށް ދެވޭނީ މާދަމާ ހަވީރު އެވެ. ސަންގެ ނޫސްވެރިން ރޮހިންޔާ މުސްލިމުންނާއެކު ހަތަރު ދުވަސް ބަންގަލަދޭޝްގައި ހޭދަކުރާނެ އެވެ.