ފްލެޓް ލިބުނު މީހުންނާއި ނުލިބޭ މީހުންނާ އަޅާކިއުން ހުއްޓާލާ، އެއްވެސް މީހަކު ބާކީ ނުކުރާނެ: ނިހާން

"ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ނިހާން ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިސްނުންފުޅުގައި އެއްވެސް މީހަކު ބާކީ ކުރުމެއް ނެތް ކަމަށާާއި، ކެތްތެރިވުމަށް ފްލެޓް ނުލިބި ތިބި މީހުންނަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.

ރޭ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، މާލޭ ދަފްތަރުގައި ތިބި މާލޭގެ ރަށްވެހިންނާއި މާލޭގެ ރަށްވެހިންގެ ތެރެއިން ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވާހަކަ މެނިފެސްޓޯގައި ލިޔުނީ ސާބިތުކަމާ އެކުގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އާއްމު ކުރި މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ޚާއްސަކޮށްގެން ދޫކުރާ ފްލެޓް ތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހަމައެކަނި ފޯމު ނަމްބަރު ޖަހާފައިވުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

އެ ލިސްޓަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ، ފްލެޓް ދިނުން ނިމުނީ ނޫން ކަމަށާއި، ފްލެޓް ލިބޭނެ ކަމުގެ އުއްމީދުގައި ތިބި މީހުންނާ އެކު ޕީޕީއެމުން ތިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވައުދުވީ އިރުވެސް 21000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަމުގެ ދަތިކަމާ ކުރިމަތިވެފައިވާ ކަން އެނގޭ ކަމަށެވެ.

"ހާއްސަ ސިފައަކަށް މިކަންކޮށްދިނުމަށްޓަކައި، އިންސާފުވެރިކަމާއެކު ހަމަ ކޮންމެ މީހަކަށްމެ ދިނުމަށް އަޅުގަނޑުމެންގެ އުއްމީދު އޮތް. މީ އެސްޓީއޯއިން ގެނެސްފަ ހޯލްސޭލް ކޮށް، ވިއްކަން ފިހާރައެއްގެ ހަރުގަނޑުގަ ތަރުތީބުން އަތުރާފަ ހުރި، އަލިފާން ފޮށިތަކެއް ނޫން މީކީ، ނަގާފަ ދޭކަށް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ފްލެޓް ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކާ ދެމެދުގައި އަޅާކިއުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، 15000 ހައުސިން ޔުނިޓް އެޅުމަށްޓަކައި ހޯދަންވީ ލޯނުގެ ފައިސާއާއި، މަސައްކަތްތައް ތަރުތީބުން ގޮސް ނިމި، އެ މަސައްކަތުގެ ރަސްމީ ބައެއް ސާމާނު ޖަމާ ކުރުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެ ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކާ ދެމެދުގައި އަޅުގަނޑުމެން އަޅާ ކިޔުން އިހަށް ދޫކޮށްލައްވާ. ކެތްތެރިކަމާ އެކުގައި އިންސާފުވެރި ކަމާ އެކުގައި ބަރޯސާ ކުރައްވާ. އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ޔާމީންގެ ވިސްނުން ފުޅުގައި ތިއިން އެއްވެސް ބޭފުޅަކު ބާކީ ކުރުމެއް ނެތް،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރާއި ޕީޕީއެމަށް ނިސްބަތްވާ އެއްވެސް އިސް ބޭފުޅަކު ސްޓޭޖަކަށް އަރައި "އަޅުގަނޑުމެންގެ ޕާޓީގެ މީހުންނަށް ދީ ނިމުނީމައޭ އެހެން ބަޔަކަށް ލިބޭނީ" ނުބުނާނެ ކަމަށެވެ.

ނިހާންގެ ވާހަކަފުޅުގައި ރާއްޖޭގެ ތިން ބައިކުޅަ އެއްބައި މާލެ ސަރަހައްދަށް ދިރިއުޅެން ގެނައުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވަނީ އެ ގާބިލްކަން ހުރުމުން ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މާލެ ސަރަހައްދުގައި ދިރިއުޅެން އައުމުގެ ވިސްނުން ރައީސް ޔާމީންގެ ވިސްނުންފުޅުގައި އޮތީވެސް، ބޮޑު މާސިންގާ އާބަން ސެންޓަރެއްގެ ގޮތުގައި މިތަން ތައްޔާރު ކުރުމުގެ ގާބިލްކަން އެމަނިކުފާނުގެ ވިސްނުމާއި އެމަނިކުފާނުގެ ކެބިނެޓާއި އެ މަނިކުފާނާ އެކު ކުންފުނިތައް ހިންގަވަން ތިބި ބޭފުޅުންގެ ހުރީމަ،" ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް