ކަންގަނާ އާއި އަދިއްތުޔަގެ ސަބަބުން ސޫރަޖް ޕަންޗޯލީ ޓުވިޓާ އާ ދުރަށް!

މިހާރު ފިލްމީ ދާއިރާގައި އެންމެ ހިނގާ ޚަބަރަކީ ބަތަލާ ކަންގަނާ ރަނައުތު އަދި ޑައިރެކްޓަރު އަދިއްތުޔަ ޕަންޗޯލީގެ ކޯޅުމުގެ ވާހަކައެވެ. ކަންގަނާ އާއި އަދިއްތުޔަ ވަނީ ކަންގަނާ ފިލްމީ ދާއިރާއަށް ނުކުތް ދުވަސްކޮޅު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

ދެމީހުން ވަކިވީ އެންމެ ސުލްހަވެރިކޮށް ނޫން ނަމަވެސް ކުރިން މިހާ މައްސަލަ ގޯސްވެފައެއް ނުވެއެވެ. ދެމީހުންގެ ގުޅުން އޮތީ އެންމެނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އެކަމާ ގުޅޭ މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ.

ނަމަވެސް ވަރަށް ފަހުން ކަންގަނާ ވަނީ އޭނާ އާއި އަދިއްތުޔަގެ ގުޅުމުގެ ވަރަށް ބައިވަރު ވާހަކަތައް މީޑިއާ އާއި ހިއްސާކޮށްފައެވެ. އަދި އަދިއްތުޔަ އޭނާ ގެންގުޅުނީ ގޭގައި ބަންދުކޮށްގެން ކަމަށާއި، އަދިއްތުޔަ ކައިރިން ސަލާމަތްވީ ފުލުހުންގެ އެހީ ހޯދައިގެން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި އަދިއްތުޔަގެ އަނބިމީހާ އާއި އާއިލާވެސް ވަނީ ބޭޒާރުކޮށްފައެވެ.

މައްސަލަ ގޯސްވީ އެހިސާބުންނެވެ. އަދިއްތުޔަ ބުނަނީ ކަންގަނާ ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި ކަންގަނާ އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ވެސް އަދިއްތުޔަ ވަނީ ބުނެފައެވެ. އެންމެ ފަހުން އެ ކޯޅުމުގެ ތެރެއަށް ކަންގަނާގެ ދައްތަ، ރަންގޯލީ ވެސް ވަނީ ވަދެފައެވެ.

ކަމުގެ ހަގީގަތް ސާފު ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ކަންގަނާ އާއި ރަންގޯލީ ދައްކަމުން އަންނަ ވާހަކަތަކުގެ ސަބަބުން ހަމަގައިމުވެސް އަދިއްތުޔަގެ އާއިލާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އެގޮތުން ފިލްމީ ދާއިރާއަށް ވަރަށް އައު ފަންނާނެއް ކަމުގައިވާ އަދިއްތުޔަގެ ފިރިހެން ދަރި، ސޫރަޖް ޕަންޗޯލީއަށް ވަނީ އެ ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. ބައްޕަ އާއި ކަންގަނާގެ ކޮންމެ ޚަބަރަކަށް ކޮމެންޓު ހޯދަން ނޫސްވެރިން ގުޅަނީ އޭނާ އަށެވެ. އިންޓަވިއުއެއް ދިނަސް ސުވާލުތައް އަންނަނީ ކަންގަނާ އާއި ބައްޕަ އާއި ގުޅުވައިގެންނެވެ.

ނޫސްވެރިންގެ ސުވާލުތަކުގެ ސަބަބުން ބޮލަށް އުނދަގޫ ވެގެން ސޫރަޖް ވަނީ މިހާރު އޭނާގެ ޓުވިޓާ އެކައުންޓު ވެސް ޑިލީޓް ކޮށްލައިފައެވެ. އެކައުންޓް ޑިލީޓް ކުރުމުގެ ކުރިން ކުރި ޓޫވީޓުތަކެއްގައި އޭނާ ބުނެފައި ވަނީ އެ ދެމީހުންނާ ގުޅޭ އެއްވެސް ވާހަކައެއް އޭނާ އާއި ހަމައަށް އަންނަން ނުޖެހޭ ކަމަށެވެ.

އަދި އެ ދެމީހުންގެ މައްސަލައިގެ ތެރެއަށް އޭނާ އާއި އޭނާގެ ދައްތަ ނުވެއްދުމަށް ވެސް ސޫރަޖް ވަނީ އެދިފައެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ނުދީ އޭނާ ރެކިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، އެކަމުގެ ތެރެއަށް އޭނާ އެއްވެސް ވަރަކަށް ވަންނަން ބޭނުން ނޫން ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ސޫރަޖް ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ކަންގަނާގެ ސަބަބުން އޭނާގެ އާއިލާއަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވި ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް