ދުންފަތާ ދެކޮޅަށް ބަހާދަރު "ކުރި ހަނގުރާމައިގެ" އަގު ވަޒަންކޮށްފި

ބަހާދަރު ބޯޓް ކުޅުދުއްފުށީ ބަނދަރުގައި--ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ސިއްހަތައް ގެއްލުން ލިބި މާލީ ގޮތުންވެސް ބޮޑެތި ގެއްލުން ތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަން އެންމެން ދަނެ އެވެ. ބޮޑެތި ފޯރަމްތަކުގައާއި ޖަލްސާތަކުގައި އެކަމާ ދެކޮޅަށް ވަކާލާތު ކުރުމަށް ގިނަ ކަންތައް ތަކެއް ކުރެވެ އެވެ. ނަމަވެސް ދުންފަތާއި ދެކޮޅަށް އަމަލީ ގޮތުން ކުރެވެނީ ފިނި "ހަނގުރާމަ" އެކެވެ. އެންމެންވެސް ދައްކަނީ ގެއްލުމުގެ ވާހަކަ އެވެ. އެ ވަބާ ނައްތާލުމަށް އަމަލީ ފިޔަވަޅެއް އެޅޭތަން މަދުން ނޫނީއްޔާ ނުފެނެ އެވެ.

ދެހާސް ހަތް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންގެ ޚިދުމަތަށް ނެރުނު "ބަހާދަރު" ބޯޓަކީ ދުންފަތާ ދެކޮޅަށް ހޫނު ހަނގުރާމައެއް އިއުލާންކޮށްގެން ހުރި ހދ. ކުޅުދުއްފުށި، ތަރި، މުހައްމަދު ޒުހައިރުގެ މިތުރު ޓްރާންސްޕޯޓްގެ ފެށުމެވެ. ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުހައިރު ވަނީ ބަހާއި އަމަލުން މިސާލު ދައްކައިފަ އެވެ.

ބަހާދުރު ބޯޓުގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުއުފުލާތާ ހަ އަހަރު

ބަހާދަރު ބޯޓް މާލެއާ ކުޅުދުއްފުއްޓާ ދެމެދު ދަތުރު ކުރާތާ އެތައް އަހަރެއް ވެފައިވާ އިރު އެ ބޯޓުގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުއުފުލާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ޒުހައިރު ބުނާ ގޮތުން އެގޮތަށް އެކަން ކުރަން ޖެހުނީ ދުންފަތުގެ ހުރި ނުރައްކާތެރި ކަމާއި ދީނީ ގޮތުން އެކަމާއި މެދު އިލްމުވެރިން ނެރެފައިވާ ފަތުވާ ތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ސިއްހީ ޚިދުމަތްތެރިން ތަކުރާރުކޮށް އެބަބުނޭ ދުންފަތަކީ ސިއްހަތައް ގެއްލުން ލިބޭ އެއްޗެކޭ. އަދި ދީނީ ގޮތުންވެސް އެއީ ހުއްދަ ކަމަކަށް ނުވޭ. އެހެންވީމަ އިންސާނުންނަށް އެހާ ގެއްލުންދޭ އެއްޗެއް އުފުލުމުގެ ބޭނުމެއްނެތް ނޫންތޯ،" ޒުހައިރު ބުންޏެވެ.

ދުންފަތް ނުއުފުލާ ބޯޓެއްގެ ގޮތުގައި ރާއްޖޭގައި ދުއްވަމުންދާ މަދު އުޅަނދު ފަހަރުތަކުގެ ތެރޭގައި ބަހާދުރު ބޯޓް ހިމެނި ސަރުކާރުން ވަނީ އެކަމާ ގުޅިގެން ހާއްސަ އެވޯޑެއްވެސް ދީފަ އެވެ. އެ އެވޯޑު ދިނީ އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހެލްތް މިނިސްޓްރީން ބަހާދަރު އަށް ދިން އެވޯޑް--ފޮޓޯ/ ޒުހައިރު

"އަސްލު ބަހާދުރު ބޯޓަށް މި އެވޯޑް މި ލިބުނީ. ނަމަވެސް އަޅުގަނޑުގެ އެއްވެސް އުޅަނދެއްގައި ދުންފަތް ނުއުފުލާނެ. އެއީ އެއްގަމުގައި ވިޔަސް އަދި ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދެއްވިޔަސް،" ޒުހައިރު ކިޔައިދިނެވެ.

ޒުހައިރުގެ މުވައްޒަފުންގެ ގޮތުގައި ތިބި ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން

ބަހާދުރުގެ ވެރިޔާ ޒުހައިރުގެ ވިޔަފާރި މުޅި ކުޅުދުއްފުއްޓަށް ފުޅާވެފައި އޮތް އިރު އޭނާގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ 100 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. ނަމަވެސް އޭގެ ތެރިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަކީ އިނގިލިން ގުނާލެވޭހާ މަދު ބައެކެވެ. ޒުހައިރު ވަނީ ވިޔަފާރިތަކުގައި މަސައްކަތް ކުރާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވެސް އެކަން ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

"އަޅުގަނޑު ގާތު އުޅޭ މުވައްޒަފުންގެ ތެރޭގައި ވެސް ވަރަށް މަދުވާނެ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން. އަޅުގަނޑު ވަރަށް ބަލަން ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ވަޒީފާއަށް ނެގޭތޯ،" ޒުހައިރު ކިޔައިދިނެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން ހުއްޓާލި ނަމަވެސް ގެއްލުމެއް ނުވޭ

ޒުހައިރު ބުނި ގޮތުގައި އޭނާގެ ވިޔަފާރި ތަކުގައި ސިނގިރޭޓް ވިއްކި އިރު ދުވާލަކަށް ދިހަ ހާސް ސިނގިރޭޓް ވިއްކަ އެވެ. ނަމަވެސް އެ ވިއްކުން ހުއްޓާލި ފަހުން މިއަދާ ހަމައަށް ވެސް ވިޔަފާރިއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ވިޔަފާރިއަކަށް ނުވޭ ގެއްލުމެއް. އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް އަޅުގަނޑުގެ ވިޔަފާރީގެ އެއްވެސް ތަނެއްގައި އަދި އެއްވެސް އުޅަނދެއްގައި ދުންފަތް ހުއްދައެއް ނުކުރާނަން،" ޒުހައިރު ކިޔައިދިނެވެ.

ބަހާދުރު ބޯޓަށް ސަރުކާރުން އަގު ވަޒަންކޮށް އެވޯޑް ދިން އިރު ޒުހައިރުގެ ވިސްނުމުގައި އެވޯޑެއް ހޯދުމެއް ނެތެވެ. އޭނާ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރަނީ އެ ކަމުން ބަޔަކު އޭނާ އަށް ތައުރީފް ކުރޭތޯއެއް ނޫނެވެ. ނަމަވެސް ޒުހައިރު ދެކޭ ހުވަފެނަކީ އޭނާ ފަދަ އަމިއްލަ ފަރުދެއްގެ އިސްނެގުމާ އެކު ހަލުވި ދުވެއްޔެއްގައި ދުންފަތުގެ ވަބާ ރާއްޖެއިން ނެތިގެން ދިޔުމެވެ.

comment ކޮމެންޓް