ސަސްޕެންޑު ކުރުމަކީ ވަކީލުންގެ އާމްދަނީއަށް އެޅުނު ވަރަށް ބޮޑު ހުރަހެއް: މަހުފޫޒު

56 ގާނޫނީ ވަކީލަކު ސަސްޕެންޑުކުރުމާ ގުޅިގެން ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފަންސާސް ހަތަރު ގާނޫނީ ވަކީލުން ސަސްޕެންޑު ކުރުމަކީ އެ ވަކީލުންގެ އާމްދަނީއަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ރޭ 54 ވަކީލަކު ސަސްޕެންޑު ކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުފޫޒު ވިދާޅުވީ ސަސްޕެންޑު ކުރުމަކީ ވަކީލުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ހަގީގަތަކީ ސަސްޕެންޑް ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. ވަކީލުން އާމްދަނީ ހޯދުމަށް ހަގީގަތުގައި ކުރާ މަސައްކަތަކީ އަދުލުއިންސާފު ލިބިގަތުމުގައި މީހުންނަށް އެހީތެރިވުން. އެ މަސައްކަތްކޮށްދިނުމަށްފަހު، އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު އަޅުގަނޑުމެން ނަގާ ފީއަކީ އަޅުގަނޑުމެންގެ އާމްދަނީ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ބިނާވެފައި މި އޮންނަނީ އެ އާމްދަނީގެ މައްޗަށް. އެހެންވީމަ ސަސްޕެންޝަނަކީ އަޅުގަނޑުމެންގެ އާމްދަނީއަށް އެޅުނު ވަރަށް ބޮޑު ހުރަހެއް،" މަހުފޫޒު ވިދާޅުވިއެވެ.

ގާނޫނީ ވަކީލު މަހުފޫޒު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުަހައްމަދު އަފްރާހް

އޭނާ ވިދާޅުވީ ސަސްޕެންޑު ކުރި ވަކީލުންނަކީ އާމްދަނީ ލިބޭނެ އިތުރު މަގެއް އޮތް ބައެއް ނޫން ކަމަށާއި ފިޔަވަޅުއެޅިއިރު، އެކަމުގެ މައްޗަށް ސުޕްރީމް ކޯޓުން ވިސްނާފައި ނެތް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު ހުރި ކަންބޮޑުވުންތައް ހުށަހެޅުމުން، އެ ހުށަހެޅީ ކޮންކަންތައްތަކެއްތޯ ނުބަލައި ޝަކުވާ ކުރި ވަކީލުންނާ މެދު ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރޭ ނެރުނު އިއުލާނުގައި 54 ވަކީލުން ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރި ކަމަށް ބުނެފައިވީނަމަވެސް، އެބޭފުޅުން ހުށަހެޅި ޕެޓިޝަންގައި ޣައިރު ގާނޫނީ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިއީ ދިވެހި މުޖުތަމައު، އާންމު ދިވެހި ރައްޔިތުން އެ މީހުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނިފައި ހުރި ކަންތައްތަކެއް. އެހެންވީމަ މިއީ ގާނޫނާ ޚިލާފު، ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށް ވިދާޅުވެ ވަކީލުންގެ މައްޗަށް މިކަހަކަ ސަސްޕެންޝަނެއް އައުމަކީ ހަމަ ވަރަށް ކަންބޮޑުވާ ކަމެއް. އެއާއެކު މި ފިޔަވަޅު އެޅުއްވިއިރުވެސް އެއްވެސް ކަހަލަ ޑިއު ޕްރޮސެސް އޮފް ލޯ ނުވަތަ އިޖުރާއަތުގެ އެއްވެސް އިންސާފުވެރިކަމެއް ނުގެންގުޅުއްވާކަން އެއީ ހަމަ އަޅުގަނޑުމެން ކަންބޮޑުވާކަމެއް،" ހިސާން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ރާއްޖޭގެ އަދުލުއިންސާގެ ނިޒާމަށް އިސްލާހުތަކެއް ބޭނުންވާ ކަމަށާއި އެކަން ގަބޫލުނުކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ޝަރުއީ ނިޒާމަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި އިސްލާހުތައް ގެނެވޭނީ އިސްލާހުތައް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވިގެން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވަކި ހުވައެއްކޮށްގެން ތިބި، ވަކި ޕްރޮފެޝަނަކަށް ނިސްބަތްވާ، ވަކި ތަރުބިއްޔަތެއް ގާނޫނީ ރޮނގުން ލިބިފައި ތިބި ބައެއް. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ، ޚާއްސަކޮށް ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކަކީ ކޮބައިކަން،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ 54 ވަކީލުން ސަސްޕެންޑު ކުރުމުން އެކަމާ ކަންބޮޑުވުންފާޅުކޮށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔަރުވަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަކަށް އެ ފިޔަވަޅުތައް ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނީ ވަކީކު މުހައްމަދު ފައިސަލް ވިދާޅުވީ ވަކީލުން ސަސްޕްނެޑު ކުރީ ގާނޫނީ ވަކީލުންގެ އިގުރާރުގައި ބަޔާންކޮށްފައިވާ ކަމެއްކޮށްގެން ކަމަށާއި އެކަމަކީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ގާނޫނީ ވަކީލުންގެ އިގްރާރުގައި އެބަ ބަޔާންކުރޭ ވަރަށް ގިނަ ކަންތައްތައް. އޭގެތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއްކޮށްގެން އަޅުގަނޑުމެން މި ސަސްޕެންޑު ކުރީ. ގާނޫނީ ވަކީލުންގެ އިގުރާރުގައި އެބަޔަ ބަޔާންކުރޭ ގާނޫނު ހިންގުމާއި ޝަރީއަތް ކުރުމުގެ ނިޒާމާއި ގާނޫނުތަކާއި ގަވާއިދުތައް ދިރާސާކޮށް އިސްލާހުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކަށް ވަގުތުތަންދިން މިންވަރަކުން ވަގުތުދީ އެހީތެރިވެދިނުން. މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިއީ އަޅުގަނޑުމެން އެކަމަކުން ދުރަށްޖެހި އެކަމެއް ދޫކޮށްލާފައި ތިބެވޭނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވިއެވެ.

comment ކޮމެންޓް