އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ކުރަމުންދާ އިސްލާހީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި އެކަމެއް ނުހުއްޓޭނެ ކަމަށް އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ގުޅިގެން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މުއްސަނދިކަން ބޭނުން ކޮށްގެން ރައްޔިތުންނަށް ފައިދާ ހޯދައިދީ ހިތްހަމަޖެހުމާއެކު އުޅެވޭނެ މުޖުތަމައުއެއް ގާއިމް ކޮށްދިނުން ކަމަށެވެ.
އަދި އަދުލު އިންސާފު ގާއިމް ކުރެވޭނެ ދުވަސް ވަރަށް އަވަހަށް ދައްކަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދާނަން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން މަސައްކަތެއް ހުއްޓައެއް ނުލާނަން. ބާރަށް ކުރިއަށް ގެންދާނީ. ރައްޔިތުންނަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން މާތްﷲ އެހެން ދުވަހެއް ދައްކަވާނެ،" އިދިކޮޅު މެމްބަރުންނަށް ހިތްވަރު ދެއްވާ މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތުގައި ޕާޓީތަކުގެ ލީޑަރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ނަމަވެސް ކުރަމުންދާ އެ މަސައްކަތުގެ ނަތީޖާ ކުއްލިއަކަށް ނުފެނިދާނެ ކަމަށެވެ.
އެކަންތައްތަކަށް ވަގުތު ބޭނުންވާނެ ކަމަށާއި އެ މަސައްކަތް ގަބޫލުކޮށް ކެތްތެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެސް އެބަ މަސައްކަތް ކުރަން. ނަމަވެސް އަޅުގަނޑު ކުރާ މަސައްކަތްތައް ދެންނެވުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ރާއްޖޭން ބޭރުގައި ތިއްބަވާނެ އަދި މިހާރު ވެސް އެބަތިއްބެވި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން. އެކި ގައުމުތަކުގެ މަތީ މަގާމުތަކުގައި އެކިއެކި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި. އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ގޮތުގައި،" މައުމޫން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވެސް މައުމޫން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގައި މިހާރު އޮތީ ބިރުވެރި މާހައުލެއްކަން ފާހަގަކޮށް ރައީސް މައުމޫން ވިދާޅުވީ، އެއްވެސް އިންސާނެއް އަނެއް އިންސާނެއްދެކެ ބިރު ގަނެގެން ނުވާނެ ކަމަށެވެ. ކީރިތި ޤުރުއާނުގައި ބުނެފައިވާ ގޮތަށް ބިރުވެތިވާންވީ ފަރާތަކީ ހަމައެކަނި މާތްﷲ ކަމަށް ވިދާޅުވިއެވެ.
އަދި އެކަން ރާއްޖޭގެ ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް ވިސްނައިދިނުމަށްޓަކާ ހެދިދާނެ ގޮތެއް، މަޒާޖީ ގޮތެއްގައި ރައީސް މައުމޫން ވަނީ ވިދާޅުވެދެއްވާފައެވެ.
"ބިރުގަންނަވީ ފަރާތަކީ ހަމައެކަނި ﷲ ސުބްހާނަހޫވަތައާލާ. އަޅުގަނޑަށް ހީވަނީ އެގޮތަށް އޮންނަ އާޔަތްތައް ލިޔެފަ ބަހައްޓަންވީ ކަންނޭނގެ ކޯޓުތަކުގައި. އިލެކްޝަން ކޮމިޝަންގަ އާއި ހިއުމަން ރައިޓްސް ކޮމިޝަންގަ އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ވެސް މި އާޔަތް ލިޔެފަ ބަހައްޓަންވީ. އަބަދު ފެންނަ ގޮތަށް. އެޔާ އޭގެ މާނައާ. އެއްޗެއް ވިސްނޭތޯ،" މައުމޫން ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ފެއިލްވެ ޝަރީއަތް ގެއްލިފައިވާ ދައުލަތެއްގެ އަލާމާތްތަކެއް ކަމަށާއި މިގައުމުގައި އެއްވެސް ރައްޔިތަކަށް އަދި ސަރުކާރަށް ވެސް ގާނޫނު ނުހިނގާ ކަމަށެވެ.
އަދި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ މެދު ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާ ގޮތަކީ ސަރުކާރުން ބުނަމުންދާ އޯގާތެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާ ކަމެއް ކަމަށް ވިދާޅުވެ މައުމޫން ވަނީ ސަރުކާރަށް ހަޖޫ ޖައްސަވާފައެވެ.
"ދަންނަވަން ޖެހެނީ ރާއްޖޭގައި މިހިނގަނީ ޕޮލިޓިކަލް ކޮމެޑީއެއް. ހެއްވާ ކަމެއް ނޫނީ ނުހިނގާ،" މައުމޫން ވިދާޅުވިއެވެ.