ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ގަޟިއްޔާ، ދެ ގޮތަށް މާނަ ކުރަމުންދާތީ ސުޕްރީމް ކޯޓުން އެ ހުކުމް އަލުން ސާފުކޮށްދޭންޖެހޭ ކަމަށް އެ މައްސަލަ ރައްދުވާ ހަތަރު މެމްބަރުން ވިދާޅުވެއްޖެ އެވެ.
ގޮނޑީގެ މައްސަލާގައި އުފެދިފައިވާ ބަހުސާ ގުޅިގެން، އެ މައްސަލަ ރައްދުވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލޯޔަރު ވައްޑެ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ސުޕްރީމް ކޯޓުން އަނެއްކާވެސް އަލުން ހުކުމް ސާފުކޮށް ބަޔާންކޮށްދޭންޖެހޭ ކަމަށާއި އެ ހުކުމްގައި ބުނާ އެއްޗެއް ދެ ފަރާތަށް ވެސް ސާފުވާންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަނެއްކާ އަލުން ސާފުކޮށް ބަޔާންކޮށްދޭން އެބަޖެހޭލޯޔަރު ވައްޑެ
ވައްޑެ ވިދާޅުވީ ޝަރުއީ ކޯޓަކުން ހުކުމެއް ކުރާނަމަ އެ ހުކުމް ރައްދުވާ ދެ ފަރާތަށް ވެސް ހުކުމުގައި ބުނާ އެއްޗެއް އެނގޭނެފަދަ ގޮތަކަށް ސާފުކޮށް ހުކުމް ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
"...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަނެއްކާ އަލުން ސާފުކޮށް ބަޔާންކޮށްދޭން އެބަޖެހޭ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެން ގަޟިއްޔާއެއްގައި ބަޔާންކޮށްފައިވާނެ ހުކުމެއް ބަޔާން ކުރާ ކަމުގައިވަންޏާ، އެ ދެ ހަސްމުންނަށް ވެސް، ދެ ފަރާތަށް ވެސް ވަރަށް ސާފުކޮށް އެނގެންޖެހޭނެފަދަ ގޮތަކަށް ކީކޭކަން މި ބުނަނީ، ސާފުކޮށް އިނގޭނެފަދަ ގޮތަކަށް،" ޕީޕީއެމްގެ ޓިކެޓުގައި ތުލުސްދޫ ދާއިރާގެ މެމްބަރު ކަމަށް 2014 ވަނަ އަހަރު އިންތިހާބުވި ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ އޭނާއަށް ހުކުމް ސާފުވާ ކަމަށާއި ސާފުވާ މިންވަރަކީ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމުގައި ބަޔާންކޮށްފައި ނެތުން ކަމަށެވެ.
"ސާފުވާ މިންވަރަކީ ގޮނޑި ގެއްލިއްޖެކަމަށް ކަނޑަނޭޅުން. އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ބުނި ބުނުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ގޮތެއް ކަނޑައެއް ނޭޅުއްވީ،" ވައްޑެ ވިދާޅުވި އެވެ.
ސައުދު ހުސައިން ވިދާޅުވީ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި އެކަންކަން ހުއްޓުވުމަށް ސުޕްރީމް ކޯޓު "ތެދުވާން" ޖެހޭ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމާ ގުޅިގެން ދެން އެ ހިނގާ ޣައިރު ގާނޫނި ކަންކަން ހުއްޓުވުމަށްޓަކާ ސުޕްރީމް ކޯޓު ދެތުވާން ޖެހޭނެ. މި ހާލަތުގައި ސުޕްރީމް ކޯޓު ނިދާދައި އޮވެގެން ނުވާނެ،" ސައުދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މެދުގައި ބޮޑު ބަހުސަކަށްވެގެން މިހާރު މި ހިތްނުތަނަވަސްވުންތަކެއް މި އޮތީ އުފެދިފައި، އެހެންވީމަ ސުޕްރީމް ކޯޓުން އިނިޝިއޭޓިވް ނަންގަވައިގެން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންނަށް މިކަންކަން ސާފުކޮށްދެއްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން."
އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަންސް ބާއްވަން ނިންމާފަ އެވެ. ބައި އިލެކްޝަން ހުއްޓުވުމަށް އަނެއްކާވެސް ކޯޓަށް ދާނެތޯ ސުވާލު ކުރުމުން ސައުދު ވިދާޅުވީ އެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު އަމީތު ވިދާޅުވީ ރާއްޖެގައި މިހާރު ހިނގަމުންދާ ކަންތައްތައް ހައްލު ވާނީ ރައްޔިތުން އެކަންކަމާ ދެކޮޅަށް އަޑު އުފުލައިގެން ކަމަށެވެ.
"ދެން މިކަންކަމަށް ހައްލެއް ނާންނާނެ، ރައްޔިތުން މިކަންކަމާ ދެކޮޅަށް އަޑު ނޫފުލަނީހެއް. ރައްޔިތުން ތެދުވަން އެބަޖެހޭ. ރައްޔިތުން ނުކުންނަން އެބަޖެހޭ. ނުކުމެ އަޑު އުފުލަން އެބަޖެހޭ. މުޒާހަރާވެސް ކުރަން އެބަޖެހޭ. އެއްވުންތައް ވެސް ބާއްވަން އެބަޖެހޭ. ޖަލްސާތައް ވެސް ބާއްވަން އެބަޖެހޭ،" އަމީތު ވިދާޅުވި އެވެ.
ސައުދާއި އަމީތާއި ވައްޑެގެ އިތުރުން ލަފީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ގޮނޑީގެ މައްސަލާގައި އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށެވެ.