ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި

ސިންގަޕޫރަށް ފުރައިވަޑައިގަތުމަށްޓަކާ ގާސިމް (ކ) އެއާޕޯޓުގެ ވިއައިޕީއައި އިންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ވަކީލުން--- ސަން ފޮޓޯ/ އަހުމަދު މަހުލޫފު

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް އިބްރާޙިމް، ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން މިރޭ "ސަން" އަށް ވިދާޅުވީ އެމަނިކުފާނު ފުރާވަޑައިގަތީ މިރޭ 11:20 އެހައިކަންހާއިރު ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ގާސިމަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށް ސިންގަޕޫރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ ކަމަށެވެ.

ސިންގަޕޫރަށް ފުރައިވަޑައިގަތުމަށްޓަކާ ވެލާނާ އެއާޕޯޓުގެ ވީއައިޕީގައި ގާސިމް އިބްރާހިމް-- ސަން ފޮޓޯ/ އަހުމަދު މަހުލޫފު

ހިތުގެ އާލާސްކަންފުޅަކަށް ގާސިމް އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ވެއްޖެ އެވެ. އޭނާގެ މައްޗަށް 3 އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ކުރީ ވެސް އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ކަރެކްޝަނަލް ސާވިސްއިން އިން ވަނީ ނިންމާފަ އެވެ. ކަރެކްޝަނަލް ސާވިސްއިން އެގޮތަށް ނިންމެވީ ޖަލުގައި ބަންދުކޮށްގެން ހުކުމް ތަންފީޒު ކުރަންޖެހޭ ވަރަށް ވުރެ، ސިއްހީ ހާލަތު ދެރަވުމުގެ ސަބަބުންނެވެ.

ގާސިމް ޖަލަށްލުމަށް ކުރި ހުކުމުގައި ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައި ވަނީ ގާސިމަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ފަރުވާ ދިނުމަށެވެ. އެ އަމުރަށް އަމަލު ނުކޮށް، ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް