ރޮހިންޔާ މުސްލިމުން އިންޑިއާއިން ޑީޕޯޓް ކުރާއިރު މިޔަންމާ މީހުންނަށް ވިސާ ހިލޭ!

މިޔަންމާއަށް މިހާރު ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ޝަރަފުގައި މިޔަންމާގެ ސަރުކާރުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި މޯދީ އަދި މިޔަންމާގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީ އަތްޖައްސަވަނީ --- ފޮޓޯ/ އޭޕީ

މުޅި ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން މިއަދު ފެންނަނީ މިޔަންމާ ނުވަތަ ބަރުމާގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ވާހަކަ އެވެ. ނިކަމެތި ފަގީރު އެ މުސްލިމުންނަށް މިޔަންމާ ސަރުކާރުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ފޮޓޯތަކާ ވީޑިއޯ ތަކެވެ.

މިޔަންމާގެ ރައްވެއްސެއްގެ ދަރަޖަ ދިނުމަށް އެ ގައުމުން ދެކޮޅު ހަދަމުންދާއިރު، އަނިޔާވެރިކަމާ ވޭނަށް ކެތްނުކުރެވި މިއަދު އެތައް ހާސް ރޮހިންޔާ މުސްލިމުންނެއް ބަންގުލަދޭޝްއަށް ދަނީ އެތެރެވަމުންނެވެ. ފައިމަގުގައި އެތައް ދުވަހެއް ދަތުރުކޮށް ބަންގުލަދޭޝްއަށް ވަދެ އުޅެމުންދަނީ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ.

ރޮހިންޔާ މުސްލިމުންނަށް މިޔަންމާގެ ސަރުކާރުން ދެމުންދާ އިންސާނިޔަތާ ހިލާފު އަނިޔާތަށް ކުށްވެރިކޮށް މުސްލިމު އެތައް ގައުމަކާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އަޑު އުފުލަމުންނެވެ.

ބައެއް ގައުމުތަކުން މިޔަންމާއާއެކު އޮންނަ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދެމުންދާއިރު، ބަންގުލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޔާ ރެފިއުޖީންނަށް ގައުމުތަކުން ދަނީ އެހީ ފޮނުވަމުންނެވެ.

ރޮހިންޔާ މުސްލިމުންނަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ހުއްޓިފައިވަނިކޮށް، ދެން އިވިގެންދިޔައީ އިންޑިއާގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ހޯދައި، ދެނެގަނެ އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް އިންޑިއާއިން ފެށި ހަބަރެވެ.

އެ ނިންމުމާއެކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރޮހިންޔާ ދަރިކޮޅުގެ މީހުން ހިމާޔަތްކޮށް އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލަމުން ދިޔަނަމަވެސް އިންޑިއާއިން ބުނަމުންދިޔައީ، މިޔަންމާގެ މީހުން ޑީޕޯޓް ކުރަންޖެހޭ ކަމަށާއި އެކަމުގައި ދެބަސް ވެވެން ނެތް ކަމަށެވެ.

އިންޑިއާގެ އެ ނިންމުން އައީ، އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ މިޔަންމާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

ދެ ދުވަހުގެ އެ ދަތުރުފުޅުގައި އެގައުމުގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީއާ މޯދީ މިއަދު ބައްދަލުކުރައްވާފައިވާއިރު މިޔަންމާގައި ވެރިކަން ކުރާ ފަރާތްތަކުގެ ހިތްވަރުގަދަ ކަމަށް މޯދީ ވަނީ ތައުރީފް ކުރައްވާފައެވެ.

ހައްދުފަހަނައަޅާފައިވާ މީހުންގެ ސަބަބުން މިޔަންމާގެ ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް ދިމާވެފައިވާ ދަތިތަކާ މެދު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންގް ސަން ސޫޗީއާއެކު ބޭއްވި ބައްދަލުވުންތައް ނިންމާލައްވައި ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ އިތުރަށް ވަނީ މިޔަންމާގެ ރައްވެހިންނަށް ވިސާ ހިލޭ ކޮށްދޭން ނިންމާފައިވާކަން ވެސް އިއުލާން ކުރައްވާފައެވެ. އަދި އިންޑިއާގެ އެކި ޖަލުތަކުގައި ތިބި 40 މިޔަންމާ ރައްޔިތުން މިނިވަން ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއަށް ޒިޔާރަތްކުރަން ބޭނުންވާ މިޔަންމާގެ ރައްޔިތުންނަށް މިއަދުން ފެށިގެން އެއްވެސް އަގަކާ ނުލައި ވިސާ ލިބޭނެކަން އުފަލާއެކު އިއުލާންކުރަން،" މޯދީ ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ، މިޔަންމާ ސަރުކާރަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އިންޑިއާއިން ދެމި އޮންނާނެ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މޯދީގެެ މި ނިންމެވުމާ ގުޅިގެން އަދި އެއްވެސް ގައުމަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް