ރޮހިންޔާ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭން ރަށެއް ތަރައްގީ ކުރަނީ!

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ރޮހިންޔާ މުސްލިމުތަކެށް އެތެރެވަނީ ---ފޮޓޯ/ އޭޕީ

ދާކާ (ރޮއިޓާސް) - މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝަށް އެތެރެވަމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ވަގުތީ ހިޔާވަހިކަމެއް ދޭން ރަށެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ބަނގުލަދޭޝްގެ އޮފިޝަލުން ބުނެފިއެވެ.

ދުނިޔޭގައި އޮތް އެންމެ ފަގީރު އަދި އެންމެ ތޮއްޖެހުން ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ބަނގުލަދޭޝްގައި ހަދާފައިވާ ރެފިއުޖީ ކޭމްޕުތަކުގައި މިހާރު ވެސް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މިހާރު އެގައުމަށް ހިޖުރަ ކުރަމުންދާ ރޮހިންޔާ މުސްލިމުން އެގައުމަށް ވެއްދުމަށް ބަނގުލަދޭޝް އިން ދަނީ ދެކޮޅު ހަދަމުންނެވެ.

ނަމަވެސް ވޭތުވެދިޔަ 11 ދުވަހުގެ ތެރޭގައި މިޔަންމާއިން ބަނގުލަދޭޝަށް 125،000 ރޮހިންޔާ މީހުން އެތެރެވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ބުނެއެވެ.

"އަހަރެމެން މިދަނީ ހުއްޓުވެން ހުރި ތަނަކުން އެމީހުން [ރޮހިންޔާ މީހުން] ހުއްޓުވަމުން. ނަމަވެސް އުފެދިފައި އޮންނަ ގޮތުން ޖަންގަލި އަދި ފަރުބަދަ މަތި ފަދަ ތަންތަނުން އެތެރެވާ މީހުން ނުހުއްޓުވޭ،" ބޮޑުވަޒީރު ޝެއިހް ހަސީނާގެ ޕޮލިޓިކަލް އެޑްވައިޒަރު އެޗް ޓީ އިމާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭ އޮފް ބެންގަލްގައި އޮންނަ ތެންގާރު ޗަރް ނަމަކަށް ކިޔާ ރަށަކަށް ވަގުތީ ގޮތުން ރޮހިންޔާ މީހުން ބަދަލު ކުރުމުގައި އެހީތެރިވުމަށް ބައިނަލްއަގްވާމީ އޭޖެންސީތަކުގައި އެދިފައިވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެ ރަށް ތަރައްގީ ކުރުމަށް އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ފިނޮޅެއްގެ ގޮތުގައި މީގެ 11 އަހަރު ކުރިން އުފެދިފައިވާ އެ ރަށަކީ، އެންމެ ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕުން ފުރައިގެން ބޯޓެއްގައި ގާތްގަނޑަކަށް ދެ ގަޑިއިރުން ދެވޭ ތަނެކެވެ.

ނަމަވެސް މަގެއް އިމާރާތެއް ނެތް އެރަށުގައި ކޮންމެ އަހަރެއްގެ ޖޫން/ ސެޕްޓެމްބަރުގައި ކުރާ ވިއްސާރައިގައި ފެންބޮޑުވާއިރު، ކަނޑު މަޑު ދުވަސްތަކުގައި އެ ސަރަހައްދުގައި މަސްވެރިކަން ކުރާ ބޯޓު ފަހަރަށް ކަނޑުފޭރޭ މީހުންގެ އުދަނގޫ ކުރިމަތިވެއެވެ.

ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން ދޭ ރަށެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ބަނގުލަދޭޝް ސަރުކާރުން ނިންމުމުން، އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ.

އަދި ފާޑުކިޔުންތަކުގެ ސަބަބުން މިދިޔަ އަހަރު ވަނީ އެރަށް އަލުން ރިވިއު ކޮށްފައެވެ. ނަމަވެސް އޭރުވެސް ބަނގުލަދޭޝުން ބުނަމުން އައީ އެގައުމުގައި އިތުރުވަމުންދާ ރެފިއުޖީންނަށް ހިޔާވަހިކަންދޭނެ ތަނެއް އެނގޭނީ އެގައުމަށް ކަމަށެވެ.

"އެރަށަކީ އެކަށީގެންވާ ތަނެއް ނޫންކަމަށް ބަޔަކު ބުނި ނަމަވެސް، ބޮޑުވަޒީރު ބޭނުންވަނީ ރެފިއުޖީންނަށް އެރަށުގައި ހިޔާވަހިކަން ދޭން. ބަނގުލަދޭޝް މީހުން ދިރިއުޅޭ އެފަދަ އެތައް ތަނެއް އެބައޮތް. ނަމަވެސް މިއީ އަހަރެމެންގެ ގައުމު. ކަން ނިންމާނީ ވެސް އަހަރެމެން،" ނަންނުޖެހުމަށް ޝަތުރުކޮށް ބޮޑުވަޒީރު ހަސީނާގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ނަމަވެސް އެ ނިންމުމާ ގުޅިގެން ބަނގުލަދޭޝްގެ ދާހިލީ މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމީހުން ބުނާގޮތުން، ރެފިއުޖީންނަށް ތަރައްގީކުރާ އެ ރަށުން ހިޔާވަހިކަން ދީފިނަމަ އެތަނުގައި އެމީހުން ދާއިމީކޮށް ވަޒަންވެރިވެ، މިޔަންމާއަށް އަނބުރާ ފޮނުވާލަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުން ސަލާމަތްވެ އެތައް ބަޔަކު އެގައުމު ދޫކޮށް އަވަށްޓެހި ބަނގުލަދޭޝަށް ހިޖުރަކުރަމުންދާއިރު، ބަނގުލަދޭޝްގެ ހުޅަނގުގައި ހަދާފައިވާ ވަގުތީ ކޭމްޕުތައް ވަނީ ފުރިގެން ގޮސް ތޮއްޖެހިފައެވެ.

ބޮޑުވަޒީރު ހަސީނާގެ އެޑްވައިޒަރު އިމާމް ވެސް ވިދާޅުވީ، ބަނގުލަދޭޝަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރެފިއުޖީންނަށް އެކަށީގެންވާ ޖާގަ ނެތުން ކަމަށެވެ. އަދި ބަނގުލަދޭޝްގެ ސްކޫލްތަކާއި މަދަރުސާތަކުގައި ރެފިއުޖީން ނުބޭތިއްބޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް