ތަފާތު ބޮޑު ނަތީޖާއެއް ނެރެ އޮމާނުން ރާއްޖެ ލަދުގަންނުވާލައިފި

ގައުމީ ޓީމު އޮމާން މެޗަށް ނުކުތުމުގެ ކުރިން ސަފަކަށް އެތުރިގެން ---ފޮޓޯ/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އޮމާން ބައްދަލު ކުރި މެޗުގައި އޮމާން އަތުން ރާއްޖޭގެ ގައުމީ ޓީމް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ އެވެ.

ގައުމުން ބޭރުގައި ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. މިއީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މި ފަހަރު ކުޅުނު މެޗު ތަކުގެ ތެރެއިން އެންމެ ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ.

މިރޭގެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މެޗުން ރަނގަޅު ނަތީޖާއެއް ހޯދޭތޯ މަސައްކަތް ކުރާ ރޭޓް ވެސް ފެނިގެންދިޔައީ ދަށްކޮށެވެ. ގިނަ ލަނޑު ތަކެއް ޑިފެންސާއި ކީޕަރު މުހައްމަދު ފައިސަލްގެ "މިސްޓޭކް" އިން ވަތް އިރު މެދު ތެރެވެސް ފެނުނީ ދެރަކޮށެވެ.

އޮމާނުން މެޗުގެ ލީޑު ނެގީ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓުގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ގާސިމް ސައީދެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ އެ ނަތީޖާއާއެކުއެވެ.

ދެވަނަ ހާފަށް ބަލާއިރު އެ ހާފުގައި އެއްގޮތަކަށްވެސް ދިވެހި ޓީމަށް ކުޅެވޭ ގޮތެއް ނުވިއެވެ. ކުރިން މުހިންމު ތިން ބަދަލް ގެނާއިރު އެއިން ބަދަލެއް ވެސް މަސައްކަތް ކުރިތަން ފެނިގެން ނުދިޔައެވެ.

ދެ ވަނަ ހާފުގައި އޮމާނުން ލީޑު ފުޅާ ކުރީ މެޗުގެ 58 ވަނަ މިނިޓުގަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާލިދް އަލް ހަޖްރީއެވެ. އޭގެ 10 މިނިޓް ފަހުން 68 ވަނަ މިނިޓްގައި އޮމާނުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު ޖަހައިދިނީ ސަލާހް އަލް ޔަހްޔާއެވެ.

އޮމާން ޓީމުން ފުލުފުލުގައި އުފައްދަމުން ދިޔަ ހަމަލާތަކާ އެކު ރާއްޖޭގެ ޑިފެންސް އަށް ހެދުނު މިސްޓޭކްތަކުގެ ފައިދާ ނަގާ އެ ޓީމުން ވަނީ 86 ވަނަ މިނިޓުގައި ވެސް ލަނޑެއް ޖަހާފައެވެ. އަދި އޭގެ ފަހުން ސާމީ އަލް ހަސަނީ ވަނީ 88 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ 5-0 ބަދަލުކޮށްފަ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕުގައި އިތުރު މެޗެއް މިރޭ ކުޅެފައިވާއިރު އެ މެޗުން ފަލަސްތީން ވަނީ 2-0 ގެ ނަތީޖާއަކުން ބޫޓާން މައްޗަށް ކުރި ހޯދާފަ އެވެ.

comment ކޮމެންޓް