މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައި، ދެ ދިވެހިން ހައްޔަރުކޮށްފި

ޓެރަރިޒަމާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި މެލޭޝިއާއިން ބަޔަކު ހައްޔަރު ކުރަނީ--

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައި، އެ ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކާއެކު ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިންގެ އުމުރަކީ 29 އަހަރާއި 33 އަހަރެވެ. އެ މީހުން ހައްޔަރު ކުރީ މެލޭޝިއާގެ ސިޓީއެއް ކަމަށްވާ ޖޯހޯ ބަހްރޫ އިންނެވެ.

އެ މީހުންގެ ވަނަވަރެއް މެލޭޝިއާގެ ފުލުހުން ހާމައެއް ނުކުރެ އެވެ.

މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަންގުލަދޭޝްގެ މީހުން ހިމެނެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ދިވެހިންނާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް--

އެ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލު ހިންގައި، މީހުން މަރައި އެފަދަ އަމަލުތައް ރާވަމުންދިޔަ މީހުން ތިބި ކަމަށް މެލޭޝިއާ ފުލުހުން ތުހުމަތުކުރެއެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ހައްޔަރު ކުރި އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ދިވެހިންނާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް--

ހައްޔަރު ކުރި މީހުން އެ ގައުމަށް ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާއަކީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަން އުޅުނު ހަފްލާއަކަށް ދޭން އުޅުނު ހަމަލާއަކާއި ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ނިންމާލުމުގެ ރަސްމިއްޔާތަށް ދޭން އުޅުނު ހަމަލާއެވެ.

އެ ހަމަލާތައް ނާކާމިޔާބުކޮށްލީ ޓެރަރިޒަމާ ދެކޮޅަށް މެލޭޝިއާގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

comment ކޮމެންޓް