ކާބަފައިން ސީނުކަރަޔަށް ވެދުން ހިފައިގެން ދިޔައީ ހަމަ ދާންވެގެންނެވެ.

ސީނުކަރަ ނުވަތަ ޗައިނާގެ ރައީސް (ކ) އަދި އިންޑިއާގެ ބޮޑު ވަޒީރު

މީލާދީން 658 ވަނަ އަހަރާއި 662 ވަނަ އަހަރު، ދިވެހި ރާއްޖެއިން ޗައިނާގެ އެމްޕެރަރް އަރިހަށް، ވެދުން ފޮނުވި ކަމީ، މިއަދުގެ ހޯދުންތަކުން އެނގެން އޮތް ޙަޤީގަތެކެވެ. މިއީ ރާއްޖެ އިސްލާމް ވުމުގެ 448 އަހަރާ 495 އަހަރު ކުރިއެވެ. އަދި އޭގެ މާފަހުން، 1416މ. ވަނަ އަހަރާއި 1421 މ ވަނަ އަހަރާއި 1423މ.ގައިވެސް، ޗައިނާގެ އެމްޕެރަރް އަރިހަށް، ރާއްޖެއިން ވެދުން ފޮނުވިކަން އެނގެއެވެ. އަދި މިދެންނެވި ދުވަސްވަރަކީ، މިއަދު އެނަމެއްގެ އަޑު "ސިލްކް ރޯޑު" ގެ ނަމުން މިއިވޭ، ޗައިނާގެ ޤަދީމީ ޒަމާނުގެ ވިޔަފާރީގެ މަގުން، އެބައިމީހުން ސިލްކުގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ދުނިޔެއާ އެކު ކުރަމުން ގެންދިޔަ ދުވަސްވަރެވެ.

މިދެންނެވި ޒަމާނަކީ، ދިވެހި ކާބަފައިންވެސް ދުރު ކަރަތަކަށް ދަތުރުކޮށް، ވިޔަފާރިކޮށް އުޅުނު ޒަމާނެވެ. ކާށިދޫ ކުރުހިންނަ ތަރާގަނޑުން ފެނުނު ޤަދީމީ ޒަމާނުގެ ފެހާމާނުގެ ތެރޭގައި ބޮއްޔާއި ސީނުތަށިފަދަ ބާވަތްތައް ފެންނާން ހުރުމާއި، އެޒަމާނުގައި ބޮޑުކަރަ ނުވަތަ އިންޑިއާގައި ގެންގުޅުނު ފެހާމާނުގެ ބާވަތްތައްވެސް، ކުރުހިންނަ ތަރާގަނޑުން ފެނިފައި ވުމީ، ދިވެހިންގެ ވިޔަފާރީގެ ޤަދީމީ ޒަމާނުގެ "އެކްސްޕޯޓް ، އިމްޕޯޓު" އޮތް ގޮތް ދެނެގަންނަން ލިބިފައިވި އިތުރު އަލި ކަމެކެވެ. މި ކަންކަމުން އެނގެނީ، ދިވެހިންނާ، ބޮޑުކަރަ ނުވަތަ އިންޑިއާ އާއި އޮޅުދޫކަރަ އާއި ސީނު ކަރައަކީވެސް، ވިޔަފާރީގެ ގުޅުންތައް އޮތް ކަރަކަރަ ކަމެވެ.

މިސަރަޙަށްދުގައި ސީނުކަރައަކީ، އިއްޔެއަކު މިއަދަކު ދިވެހިން ދުއް ތަނެއް ނޫންކަމާ، ޤަދީމީ ޒަމާނުގައިވެސް ދެބައިމީހުންގެ ދެމެދުގައި ގުޅުންތައް އޮތްކަން ވަރަށް ސާފެވެ. ހަމަ އެހެންމެ، ސީނުކަރައަކީ އެޒަމާނުގައިވެސް ދުނިޔެއާއެކު ވިޔަފާރިކޮށް އުޅުނު، އުފެއްދުންތެރި އަދި ކުރިއަރާފައިވާ ކަރައެއްކަންވެސް އެނގެއެވެ. އެ ޙަޤީގަތް މިއަދުވެސް ވަރަށް ސާފެވެ. އެއީ މިއަދުވެސް އިޤްތިސާދީ ގޮތުން ބަލާއިރު، ދުނިޔޭގެ ދެވަނަ ބާރެވެ. ވިޔަފާރީގެ އީޖާބީ ޚިޔާލާތާ، އުފެއްދުންތެރިކަމާއި، ވިޔަފާރީގެ ހުނަރާއި، ކަސްޓަމަރ ރިލޭޝަނޭ މިކިއާބައި، މިއަދުވެސް އެންމެ ވަރުގަދައީ އެމީހުންގެ ކިބައިގައެވެ. އޭގެ ބައެއް ހެކިތައް ދަންނަވާލިއަ ދެއްވާށެވެ.

މިއަދަކީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހެވެ. ސުވާލަކީ އިންޑިއާގެ ޕްރައިމިނިސްޓަރ މޯދީ މިއަދު ހުންނެވީ ކޮންތާކުތޯއެވެ؟ އަދި އެއީ ކޮން ރައީސެއްގެ ދަޢުވަތަކަށް ކުރައްވާ ކޮން ދަތުރުފުޅެއްގައި ތޯއެވެ؟ ހަމަ އެއާއެކު އަދި އިތުރު ސުވާލު ތަކެކެވެ. ރަޝިއާގެ ރައީސް ޕޫޓިން ހުންނެވީ ކޮންތާކުތޯއެވެ؟ ބްރެޒީލާ، ސައުތު އެފްރިކާގެ ވެރިން ތިއްބެވީ، ކޮން ކޮންފަރެންސެއްގައިތޯއެވެ؟ މިދެންނެވި 5 ގައުމަކީ ދުނިޔޭގެ އާބާދީގެ 40 އިންސައްތައެވެ. ދެން މި ވާނުވާ ބަލައިލަމާ ތޯއެވެ؟

ޗައިނާގެ އިސްނެގުމެއްގެ މަތިން، ޗައިނާ، ބްރެޒީލް، ރަޝިއާ، އިންޑިއާ، ސައުތުއެފްރިކާ ބައިވެރިވާ އިގްތިސާދީ ފަލްސަފާއެއްގެ ބިންގަލުގައި "ބްރިކްސް" ގެ ނަމުގައި އުފައްދާފައި އޮންނަ ޖަމާޢަތެއް އޮވެއެވެ. ބްރިކްސް ކޮންފަރެންސް އެންމެފަހުން ބޭއްވިފައި އޮތީ އިންޑިއާގެ ގޯއާގައި ކަމަށްވިޔަސް، މިފަހަރު 9 ވަނަ ކޮންފަރެންސް އޮތީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ސިއާމަން ސިޓީގަ އެވެ.

މިމަހުގެ 5-3 ށް، އޮންނަ މި ކޮންފަރެންސްގައި މި ޤައުމު ތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން ޕްރައިމިނިސްޓަރ މޯދީ، ފޭސްބުކް ޕޭޖުގައި، އެމަނިކުފާނު މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާކަމާއި، ކޮންފަރެންސްގެ ނަތީޖާއާމެދު ކުރައްވާ އުންމީދުތައް، ގެންދަވަނީ ފޭސްބުކް ސްޓެޓަސްގައި ލިޔުއްވަމުންނެވެ. މޯދީގެ ނަޒަރުގައި މިއީ މި ފަސް ޤައުމުގެ އިޤްތިސާދާ ވިޔަފާރިއާ، ރައްކާތެރި އަމާން ވެއްޓާއި ފަސް ޤައުމުގެ ރައްޔިތުންގެ ކުރިމަގަށް، "ބްރިކްސް" އަކީ، މުހިންމު މަސައްކަތްތަކެއް ކުރާ ޖަމާޢަތެކެވެ.

"ބްރިކްސް" ގެ ކޮންމެ ކޮންފަރެންސަކަށް، އެ ކޮންފަރެންސް ބާއްވާ ޤައުމަކުން މެހުމާނުންގެ ގޮތުގައި ބައެއް ޤައުމުތަކަށް އަބަދުވެސް ދަޢުވަތު ދެއެވެ. މިގޮތުން މިފަހަރު، މިސްރަށާ، ތަޖިކިމިސްތާނަށާ، މެކްސިކޯ އާއި ތައިލޭންޑަށް ވަނީ، މި ކޮންފަރެންސަށް ދަޢުވަތު ދީފައެވެ.

ބްރިކްސް ކޮންފަރެންސް މިއަދު ހުޅުވައިދެއްވަމުން، ޗައިނާގެ ރައީސް ގޮވާލައްވާފައިވަނީ، މިއީ މެމްބަރު ގައުމުތަކުގެ މުސްތަޤްބަލުގެ ޗާޓު ކުރަހައި، އެއް އަމާޒަކަށް މިސްރާބު ޖަހަންވީ ވަގުތެވެ. އަދި ބައިނަލް އަގުވާމީ މަސްރަޙުގައިވެސް އެއް އަޑުން ވާހަކަ ދައްކަން އެމަނިކުފާނު ގޮވާލެއްވިއެވެ.

"ބްރިކްސް" އުފެދި، ބްރިކްސް ގައުމުތައް ޙިއްސާވާ، ބްރިކްސް ބޭންކް ނުވަތަ "ނިއު ޑިވެލޮޕްމަންޓް ބޭންކް" އުފައްދައި، އެ ބޭންކުގެ ފަރާތުން މި ޤައުމު ތަކުގެ ވިޔަފާރިއާ، އިންވެސްޓްމަންޓު ތަކަށާ، އިޤްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދުރު މުސްތަގުބަލަށް ރޭވޭ "ގްރީން އެނަރޖީ" މަޝްރޫޢުތަކަށް ބޮޑެތި ލޯނު ފެސިލިޓީސްތައް ތަޢާރަފް ކޮށްފިއެވެ. މިކަންކަމުން ޙަޤީގަތުގައިވެސް މިއަދު "ބްރިކްސް" ސިފަކުރެވެނީ، " ޔޫރަޕިއަން ޔޫނިއަން" ފަދަ އިއްތިޙާދެއްގެ ގޮތުގައެވެ. ތެދުތެދަށް ދަންނަވާނަމަ، މި އިއްތިޙާދުގެ ފައިދާ، އިއްތިޙާދުގެ ޤައުމު ތަކުގެ ކުރިމަގަށް މާ ބޮޑެވެ. އޭގެ ބައެއް ކަންކަމަށް ބަލައިލަމާ ތޯއެވެ؟

ބްރިކްސްގެ ކޮންފަރެންސް ފެށެން އެއް ދުވަހަށްވެފައި ވަނިކޮށް، ޗައިނާގެ އޮންލައިން ވިޔަފާރީގެ ޖަޔަންޓެއް ކަމަށްވާ "އަލީބާބާ" އިން ވަނީ، ބްރިކްސް ގައުމުތައް، ސިއްސުވާލި ޚަބަރެއް ޢާންމު ކޮށްފައެވެ.

އަލީބާބާއިން ނެރުނު 2016ގެ އޮންލައިން ވިޔަފާރީގެ އަހަރީ ރިޕޯޓު ބުނާގޮތުގައި، ބްރިކްސް ގެ ޤައުމު ތަކުން 2016 ވަނަ އަހަރު، 1.46 ބިލިއަން އިންޓަރނެޓު އޮންލައިން ފަރާތްތަކުން، އޮންލައިން މެދުވެރިކޮށް، އެއްގައުމު އަނެއްގައުމުން، ޖުމްލަ 720 މިލިއަން އޮންލައިން ވިޔަފާރީގެ ޙަރަކާތްތައް ހިންގާފައިވެއެވެ.

މި ޙަރަކާތް ތަކުން 2016 ވަނަ އަހަރު 872 ބިލިއަން އޮންލައިން ރީޓޭލް ވިޔަފާރި ކޮށްފައިވެއެވެ. މިއީ މި ގައުމު ތަކުން ދުނިޔެއާ ކުރާ ވިޔަފާރީގެ 47 އިންސައްތަ އެވެ. މި މިންގަނޑު 2022 ގައި 59 އިންސައްތައަށް އަރާނެކަމަށް، އަލީބާބާގެ ރިޕޯޓުގައި ބުނެފައި ވެއެވެ. ބްރިކްސްގެ 5 ގައުމު ބްލޮކެއްގެ ގޮތުގައި އޮވެގެން ހިންގި އޮންލައިން ވިޔަފާރީގެ ތެރޭގައި ހިމެނެނީ ފަސް ގައުމުގެ އުފެއްދުންތަކެވެ.

ދެން އޮތީ ބްރިކްސް ބޭންކްގެ ގޮތުގައި ކުރިން ނަން މަޝްހޫރުވެފައި ވިޔަސް، މިއަދު " ނިއު ޑިވެލޮޕްމަންޓް ބޭންކް" (އެން.ޑީ.ބީ) ގެ ގޮތުގައި ބްރޭންޑް ކޮށްފައިވާ، މި ފަސްގައުމު ޙިއްސާވާ، ޚާއްސަކޮށް އެ ޙިއްސާގައި ޗައިނާ 41 އިންސައްތަ، ޙިއްސާވާ މި ބޭންކުގެ ހަރަކާތް ތަކެވެ.

ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ކުރިމަގަށް އަމާޒުކުރެވޭ، ޢިޔާދަ ކުރަނިވި ހަކަތަ ނުވަތަ ގްރީން އެނަރޖީގެ މަޝްރޫޢު ތަކަށް "އެން.ޑީ.ބީ" ން، 811 މިލިއަން ޑޮލަރުގެ ލޯނު ދޫކުރަން ނިންމާފައި އޮތްއިރު، އިންޑިއާގެ ކަނާރާ ބެންކަށް 250 މިލިއަންޑޮލަރު ދީފައި އޮތީ، އެ ގަޤުމުގެ ޢިޔާދަކުރަނިވި ހަކަތައިގެ 500 މެގަވޮޓް ހިމެނޭ މަޝްރޫޢަށް ޚާއްސަވެފައި އޮތް ފެސިލިޓީސްއާ އެކުގައެވެ. އަނެއްކޮޅުން ބްރެޒީލްގެ " ބީ.އެން.ޑީ.އީ.އެސް" ބެންކަށާ، ޗައިނީޒް ރޫފް ޓޮޕް ސޯލަރ ޕްރޮޖެކްޓަށްވެސް ލޯނު ފެސިލިޓީސް ދީފައިވެއެވެ.

"ބްރިކްސް"ގެ ޤައުމު ތަކުގެ ރައްޔިތުންނަށް ސީދާ ފައިދާކުރާ ކުރިމަގަށް ރޭވޭ މަޝްރޫޢު ތަކަށް، "އެން.ޑީ.ބީ" ން، އެހީތެރިކަން ދެމުން ގެންދާއިރު، އެއްގަޢުމު އަނެއް ގައުމާމެދު، ސަރުކާރު ފެންވަރުގައި ދެމުންދާ އެއްބާރުލުން ތަކަކީވެސް ބަލައިލަން ރަނގަޅު ކަންކަމެވެ.

ބްރިކްސްގެ ގޯއާ ސަމިޓަށް، ޗައިނާގެ ރައީސް ކުރެއްވި އިންޑިއާ ދަތުރުފުޅަށް ފަހު، ފެނިގެންދާ އަނެއް މަންޒަރަކީ، މޮދީ ސަރުކާރުން އިންޑިއާގެ ކުރިމަގަށް ތަޢާރަފްކުރާ " ނިއުދިއްލީ – ޗެއްނާއީ، ހައިސްޕީޑް ޓްރެއިން ސަރވިސް" މަޝްރޫޢަށް، ޗައިނާ ސަރުކާރުން ހިލޭ، ފީޒިބިލިޓީ ހަދައިދިނުމާ، 100 މީހުން ތަމްރީން ކޮށްދޭން ނިންމި ނިންމުމެވެ. ހަމައެއާއެކު، ޗައިނާގެ ޓްރެއިން އުފައްދާ އެންމެ ބޮޑު ކުންފުނިން 63 މިލިއަން ޑޮލަރުގެ ޖޮއިންޓްވެންޗަރ އިންވެސްޓްމަންޓެއް، އިންޑިއާގައި ކުރަން ނިންމައި އޭގެ 51 އިންސައްތަ އަކީ، ޗައިނާ ކުންފުނީގެ ޙިއްސާކަން ހާމަކުރި ކުރުމެވެ.

މިއަދު ދުނިޔޭގެ އެންމެ ބޮޑު ހައިސްޕީޑް ޓްރެއިން ޚިދުމަތް އޮތީ ޗައިނާގައެވެ. އެއީ ބޭޖިންގ އާއި ގުއާންޒޫ އާ ދެމެދު 2298 ކިލޯމީޓަރުގެ ރާސްތާ ގުޅާލަދީފައި އޮތް ހައިސްޕީޑް ޓްރެއިން ގެ ޚިދުމަތެވެ. ގަޑިއަކު 300 ކިލޯމީޓަރުގެ ބާރު މިނުގައި ދުވާ، މި ޓްރެއިންގެ ޚިދުމަތް އިންޑިއާގެ ނިއުދިއްލީން ޗެންނާއީއަށް ތަޢާރަފް ކުރުމުގެ މަޝްރޫޢު، ނިމުމުން، އެއީ މޯދީގެ ސަރުކާރުގެ ނަން އަބަދަށް ލިޔެވިގެންދާނެ ޚިދުމަތަކަށް ވާނެއެވެ. މޯދީ ސަރުކާރުގެ މީގެ އެހެން މަޝްރޫޢެއް އިންޑިއާގެ އެހެން ދެ ސަރަޙަށްދަކަށް އަމާޒުކޮށްގެން ފަށަން، ޖަޕާނުގެ ކުންފުންޏަކުންވެސް ދިރާސާ ހަދަމުން ގެންދެއެވެ. އެއީ މުމްބާއީއާ އަޙްމަދުއާބާދު، ހައިސްޕީޑް ޓްރޭނުން ގުޅާލުމެވެ.

ކޮންމެއަކަސް، މިއަދުވެސް ފެނިގެން މިދަނީ، ހަމަ އެއް މަންޒަރެކެވެ. އެއް ޙަޤީގަތެކޭވެސް ބުނެވިދާނެއެވެ. އެއީ މީލާދުގެ 500ގެ އަހަރު ތަކުން ފެށިގެން، ދިވެހި ދައުލަތުން، ވެދުން ބަރުތީލަ ކުރަމުންއައި ސީނުކަރައިގެ ދައުލަތަކީ، މިއަދުވެސް މި ސަރަޙަށްދުގައި އޮތް އެންމެ ބޮޑު އިޤްތިސާދީ ބާރު ކަމެވެ. އެއީ ވިޔަފާރީގެ އެންމެ ލޯއަލި މީހުންކަމެވެ. އެމީހުން އިޤްތިސާދު ބިނާކުރަން އެޒަމާނުއްސުރެން ވަރުބަލި ކަމެއްނެތި، މަސައްކަތް ކުރަމުން ގެންދާ ކަމެވެ.

މިއަށްވުރެ ސާފު މަންޒަރަކީ، އެމީހުންގެ ދައުލަތް ހިންގާ ނިޒާމާ، އެމީހުންގެ ވިޔަފާރިއާ އިޤްތިސާދީ ނިޒާމަކީ، ދެ ސިފައެއްގައި އޮތް ދެ ނިޒާމު ކަމެވެ. އެމީހުންގެ ވިޔަފާރީގެ ގުޅުން ދުނިޔޭގައި އޮތް އެންމެބޮޑު ޑިމޮކްރަސީ، އިންޑިއާ އާއިއެކުވެސް ޤާއިމްކުރާކަށް، ސިސްޓަމުގައި ތާށިކަމެއް ނެތެވެ. އެކަން އެމީހުންގެ ސްޓޮކްއެކްސްޗޭންޖުންވެސް ސާބިތުވެއެވެ.

ދެން އޮތީ ސީނުކަރަ އާއި އިންޑިއާ އަދި ރަޝިއާ އިސްވެ އޮވެ، ބިނާކުރާ " ޔޫރަޕިއަން ޔޫނިއަން" ފަދައިން ސިފަކުރެވޭ "ބްރިކްސް" އިންތިޙާދެވެ. އެ އިއްތިޙާދު، "ބްރިކްސް ޕްލަސް" ގެ ގޮތުގައި ބޮޑުވެއްޖެނަމަ، ވިޔަފާރީގެ އިތުރުން އެއަށްވުރެން ނުފޫޒުގަދަ އެހެން ބަޔަކު ކުރިމަތީން ފެނިދާނެ ހެއްޔެވެ؟

މިހެން ހުރި ސުވާލުތަކަށާއި، މިއަދު ފެންނާން އޮތް ޙަޤީގަތަށް ވިސްނާއިރު، ސީނުކަރައަކީ، އިހުފަދައިން، މިއަދުވެސް ދިވެހިންގެ ތަރައްޤީގެ ބައިވެރިއަކަށް ނުވާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަވަށްޓެރި އިންޑިއާ އަކީ، ދިވެހިންގެ ގައިގެ އެއްގަނޑުހާ ގާތް އަވަށްޓެރިއެކެވެ. ޚުދު އިންޑިއާވެސް، ވިޔަފާރިއާ އިޤްތިސާދާއި ޓެކްނޮލޮޖީގެ ދާއިރާއިންވެސް ސީނުކަރަ ބަލައިގަންނަނީ "ޕާރޓްނަރ" އެއްގެ ގޮތުގައެވެ.

އެ ދެބައިމީހުންގެ ދެމެދުގައިވެސް ޖޮއިންޓްވެންޗަރތައް އުފެދި، އިއްތިޙާދެއް ބިނާކުރަމުން އެއޮތް ގެންދަނީއެވެ. އެއީ ދުނިޔޭގެ މިފަޅީގެ އިގްތިސާދީ ބާރުތަކެވެ. ޕާކިސްތާނާވެސް ސީނުކަރަ ހަމަ އެހެންނެވެ. ސްރީލަންކާގެ އިންވެސްޓްމަންޓުތަކުގައި އެއީ ބައިވެރި އެކެވެ. މިހައިތަނުން ހިތަށް ޔަޤީންވަނީ އެންމެ ކަމެކެވެ. ކާބަފައިން ވެދުން ހިފައިގެން ސީނުކަރަޔަށް ދިޔައީ ހަމަ ދާންވެގެންނެވެ. މާނައަކީ، ވިޔަފާރިއާ އިޤްތިސާދުގައި އެމީހުން އެހައިވެސް، ލޯހުޅުވިފައި ތޫނުފިއްޔެވެ. އެމީހުންނަށް އިއްޔެވެސް މާދުރު ފެނުނެވެ. މިއަދުވެސް ފެނެއެވެ.

comment ކޮމެންޓް