މިއަހަރުގެ ހައްޖު މޫސުމުން ސައޫދީއަށް ހަ ބިލިއަން ޑޮލަރު ލިބޭނެ: ރިޕޯޓް

މައްކަތުލް މުކައްރަމާ ( ސެޕޮޓެމްބަރު 4) : މިއަހަރުގެ ހައްޖު މޫސުން ނިމިއްޖެކަން ސައޫދީ ސަރުކާރުން އިޢްލާންކުރިއިރު ހައްޖުވެރިން ކުރި ޚަރަދުތަކުގެ ސަބަބުން ސައޫދީ ސަރުކާރަށް ހަ ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށް އެގައުމުގެ މާލީ ތަފާސް ހިސާބުތަކާބެހޭ މަސްއޫލުވެރިން އަންދާޒާ ކުރައްވައިފިއެވެ.

ސައޫދީ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ހައްޖުވެރިން ކުރި ޚަރަދުތަކުން ފައިދާގެ ގޮތުގައި ހަ ބިލިޔަން ޑޮލަރު ސަރުކާރަށް ލިބޭނެ ކަމަށް ބެލެވިފައިވާއިރު މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ ހަތަރެއ ޕޮއިންޓް ތިނެއް ބިލިޔަން ޑޮލަރެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދޭއް ޕޮއިންޓް ތިނެއް މިލިޔަން މުސްލިމުން ބައިވެރިވެފައިވެއެވެ. ކުރީ އަހަރު ބައިވެރިވެފައި ވަނީ އެކެއް ޕޮއިންޓް އަށެއް މިލިޔަން މީހުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ސައޫދީގެ ތެރެއިން ހަތަރު ލައްކައެއްހާމީހުން ބައިވެރިވެފައިވާއިރު މިފަހަރު ސައޫދީގެ އެތެރެއިން ހައްޖަށް އައުމަށް ކަނޑައަޅާފައިވާ ކޯޓާ އެންމެ ފަހުވަގުތު ވަނީ ދޫކޮށްލާފައެވެ. ސައޫދީގެ ތެރެއިން ހައްޖަށް އައި މީހުން ގިނަވީ މިކަމުގެ ސަބަބުންނެވެ. ނަމަވެސް ރަޖިސްޓްރީ ކުރުމަކާނުލައި ގަވައިދާ ޚިލާފަށް ތިންލައްކަ އެއްހާމީހުން ހައްޖުވުމަށް މަސައްކަތްކުރިއެވެ. މީގެތެރެއިން ނުވަދިހަ އިންސައްތަ މީހުން ވަނީ ހައްޖުގެ މަޝްޢަރުތަކަށް ނުގަވައިދުން ވަދެ ތިއްބައި އަނބުރައި ފޮނުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ ސައޫދީގެ އެތެރެއިން ހައްޖަށް އަންނަ މީހުންނެވެ. މިގޮތަށް ފޮނުވާލަނީ ގަވައިދާ ޚިލާފަށް މިގޮތަށް އައުމުން އެހެން ހައްޖުވެރިންނަށް މާބޮޑަށް ދަތިވެ މީހުން ތޮއްޖެހި އެތަށް ސަތޭކަ ބަޔަކު މަރުވުންފަދަ ބިރުވެރި ހާދިސާތައް ހިނގާފާނެތީއެވެ.

މިނާގައި ތިންދުވަހު ތިބި ހައްޖުވެރިންވެސް ޖަމްރާތަކަށް ހިލައުކުމަށްފަހު މިއަދުވަނީ އެނބުރި މައްކާގެ ހަރަމްފުޅަށް އައިސް ތަވާފުލްއިފާޟާކޮށް ސަފާ އާއި މަރުވާއާ ދެމެދު ސައްޔު ކުރުމަށްފަހު ހައްޖުގެ އަޅުކަން ނިންމާލާފައެވެ. އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން އާދީއްތަ ދުވަހު ހައްޖުގެ އަޅުކަން އެއްކޮށް ނިންމުމަށްފަހު އޭގެތެރެއިން ބައެއްމީހުން ހޯމަދުވަހު ފުރާފައިވެއެވެ. ލަހުން ނިންމި ހައްޖުވެރިން ވެސް އަންގާރަ ދުވަހު ފުރަން ފަށާނެ ކަމަށް ސައޫދީން ބުނެއެވެ.

ހުރިހާ ހައްޖުވެރިން ވެސް މައްކާއިން ފުރުމުގެ ކުރިން ތަވާފުލްވަދާއު ކުރާނެއެވެ. މިތަވާފުގައި ސަފާއާއި މަރުވާއާ ދެމެދު ސައްޔު ކުރުމެއް ނޯވެއެވެ. މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ބޮޑު އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. (ސައޫދީ މީޑިޔާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު