މިޔަންމާގައި ދިރިއުޅޭ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކު ވާހަކަ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެ އަނިޔާތައް ބޮޑުވަމުން ގޮސް އެންމެ ފަހުން މިހާރު ވަނީ ހައްދުފަހަނައަޅައިފަ އެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީ އެވެ. އެއްވެސް ރަހުމެއް ނެތި، ކުޑަކުދީންނާއި އަންހެނުން ކަތިލައި، އެމީހުން ދިރިއުޅޭ ހިޔާތަކުގައި ތިއްބައި އަލިފާން ރޯކޮށް އަންދާލަނީއެވެ.
މިޔާންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެގައުމުގައި ހިންގަމުން އަންނަ ރަހުމުކުޑަ ގަތުލުއާންމާ ދެކޮޅަށް އެތަކެއް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ޕާކިސްތާނުގެ "ސްކޫލްގާލް އެކްވިސްޓް" އަދި ނޯބަލް ޕްރައިޒް ވިނާ، މަލާލާ ޔޫސަފްޒައީ ވެސް އޭނާގެ އިހްސާސްތައް، ޓުވިޓާ މެދުވެރިކޮށް މިވަނީ ބަންޑުންޖަހާލައިފައެވެ.

10 ޑިސެމްބަރު 2014ގައި މަލާލާ ޔޫސަފްޒައީއަށް ނޯބެލް ޕީސް ޕްރައިޒް އެވޯޑު ލިބުނު ހަފްލާގައި އޭނާ ވާހަކަ ދައްކަނީ. މަލާލާ ވަނީ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި -- ފޮޓޯ: ރޮއިޓަރސް
ރޮހިންޔާ މުސްލިމުންނާ ދޭތެރޭ މިޔަންމާގައި ހިންގަމުންދާ ރަހުމުކުޑަ އަނިޔާވެ، ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރަމުން މަލާލާ ބުނީ، މިޔަންމާގައި އެގައުމުގެ އަމިއްލަ ރައްޔިތުންނާ މެދު އަމަލުކުރަމުންދާގޮތް ފެނި، އޭނާގެ "ހިތް ކުދިކުދިވެއްޖެ" ކަމަށެވެ. އަދި އޭނާ ވަނީ، މި ރަހްމުކުޑަ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް މިޔަންމާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި، މަލާލާ އޭނާގެ ޓުވިޓާ އެކައުންޓްމެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، އެ ކުދީން މަރައި، އެމީހުންގެ ގެތައް ބިމާ ހަމަކުރަމުންދާއިރު އެކުދީން އެއްވެސް މީހަކަށް ހަމާދީފައި ނުވާކަމަށެވެ. އެހެން ނަމަވެސް ރަހުމެއްނެތި އެކުދީންގެ ގެތައް އަންދައި ބިމާހަމަކުރަމުންދާ ކަމަށެވެ.
"މިއަދު އަހަރެމެންނަށް ފޮޓޯތަކުން ފެނިގެން ގޮސްފި މިޔަންމާގެ ސަލާމަތީ ބާރުތަކުން ކުޑަކުދީން މަރަމުންދާ މަންޒަރު. އެކުދީން އެއްވެސް ބަޔަކަށް ހަމަލާއެއް ނުދޭ. އެކަމަކު އެކުދީންގެ ގެތައް އަންދައި ބިމާ ހަމަކުރަމުން ދަނީ،" މަލާލާ ބުންޏެވެ.

މިޔަންމާގެ ސިޔާސީ ލީޑަރު އަންގް ސަން ސޫކީ --
މަލާލާ ވަނީ، ނޯބެލް އިނާމު ހާސިލްކޮށްފައިވާ، މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ވެސް ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ. އެގޮތުން، މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ "ލަދުކުޑަ" އަމަލުތައް ކުރިއަށް ގެންދާތާ އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެތަކެއް ފަހަރުމަތީން އޭނާ އެކަން ކުށްވެރި ކޮށްފައި ވާނޭކަމަށް މަލާލާ ބުނެފައިވެ އެވެ. އަދި ސޫޗީގެ ފަރާތުން ވެސް އޭނާ އެކަމަށް އެދޭކަމަށް މަލާލާ ބުނެފައިވެއެވެ.

ޕާކިސްތާނާއި ބަންގުލަދޭޝް ފަދަ މުސްލިމް ގައުމުތައް ހިމެނޭ ގޮތަށް، އުމުރުން 20 އަހަރުގެ މަލާލާ ވަނީ، ރޮހިންޔާ މުސްލިމުންނަށް ކާނާއާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، އަވައްޓެރި ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ ބައެއް ކުދިން ---
އޭނާ ވަނީ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާގެ ރައްޔިތުކަން ދިނުމަށް ވެސް ގޮވާލައިފަ އެވެ.
"އެމީހުންގެ ވަޒަނަކީ މިޔަންމާ ނޫން ކަމަށް ވާނަމަ، ޖީލުތަކެއް ފާއިތުވެގެން ދިޔައިރު އެމީހުން ދިރިއުޅުނީ ކޮންތާކު؟ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެމީހުންގެ އުފަން ބިން ކަމަށްވާ މިޔަންމާއިން ސިޓިޒަންޝިޕް ދޭންޖެހޭ."
އިސްލާމީ ގައުމުތަކުންނާއި އަދި އެނޫންވެސް ގައުމުތަކުން ވަނީ މިޔަންމާ އަސްކަރިޔާގެ އަމަލުތައް "ނަސްލެއް ނައްތާލުމަށް" ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މިޔަންމާގެ އަސްކަރިއްޔާ އިން މީހުންގެ ހައްގުތަށް ނިގުޅައިގަނެ، އަނިޔާކޮށް، ރޭޕްކޮށް، މީހުން މަރަމުންދާކަމަށް ބުނެފައެވެ.