"ވޮންޑަ ވުމަން"ގެ ހެދުން އެޅުމުން މަލާމާތް ރައްދުވި ދެ އަންހެނެއްގެ ދިފާއުގައި ގަލް ގަޑޯ!

ކޮލަމްބޯގައި ބޭއްވި ކޮމިކް ކޮން މައުރަޒުގައި އަމާޔާ އަދި ސެޝަނީ ---

ވޮންޑަ ވުމަންގެ ހެދުން އެޅުމުން މަލާމާތް ރައްދުވި ސްރީ ލަންކާގެ ދެ އަންހެނެއްގެ ދިފާއުގައި ހޮލީވުޑް އެކްޓްރެސް އަދި ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދިޔަ އިޒްރޭލުގެ ބަތަލާ ގަލް ގަޑޯ ތެދުވެއްޖެއެވެ.

ލަންކާގެ ދެ ޒުވާން އަންހެނުން ކަމަށްވާ އަމާޔާ އަދި ސެޝަނީ އަށް މަލާމާތާއި ފުރައްސާރަ ރައްދުވާން ފެށީ، ކޮލަމްބޯގައި ބޭއްވި ކޮމިކް ކޮން މައުރަޒަށް "ވޮންޑަ ވުމަން"ގެ ހެދުމެއް އަޅައިގެން ގޮސް އުޅުމުގެ ތެރޭގައި މައުރަޒުގައި ތިބި ފޮޓޯގުރާފަރުން އެމީހުންގެ ފޮޓޯތައް ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ.

"އަހަރެން ފުރަތަމަ ވަރަށް ހައިރާންވި. އަހަރެން ހިތަށްއެރި ކީއްކުރަން ބާއޭ އެ މަލާމާތްކުރާ މީހުންގެ އަގުހުރި ވަގުތުތައް ނަގާލާފައި ނުވެސް ދަންނަ މީހަކަށް އެހާ ނަފްރަތު ކުރަންވީ،" އަމާޔާ ބީބީސީ އަށް ބުންޏެވެ.

ސެޝަނީ ވެސް ބުނީ، އޭނާއަށް މަލާމާތް ރައްދުކޮށް ހަދާފައި ހުރުމުން ދެރަވެ، ހައިރާންވި ކަމަށެވެ. އެ ދެ ޒުވާން އަންހެނުން ވެސް ބުނާގޮތުން، ވޮންޑަ ވުމަންގެ ކެރެކްޓާގެ ސަބަބުން އެމީހުން ކަހަލަ ޒުވާން އަންހެނުން ބާރުވެރިވެ މިނިވަންކަމާއެކު އުޅުމަށް ހިތްވަރު ލިބޭ ކަމަށެވެ.

ސެޝަނީ އަދި އަމާޔާއަށް އޮންލައިން ކޮށް ރައްދުވަމުން ދިޔަ މަލާމާތާއި ފުރައްސާރަ އަށް އެމީހުން އެއްވެސް ރައްދެއް ނުދެއެވެ. އޭގެ ބަދަލުގައި އެމީހުންނާއި ގާތް ރައްޓެހިން ވެގެން އެ އެއްޗެހި ރިޕޯޓް ކުރަން ފެށި ފަހުން ފޭސްބުކްގައި ހުރި ބައެއް އެއްޗެހި ގެއްލުނު ކަމަށް ވެސް އެމީހުން ބުނެއެވެ.

ސެޝަނީ އަދި އަމާޔާ އަށް ބަޔަކު މީހުން އޮންލައިންކޮށް މަލާމާތްކުރި ނަމަވެސް، އެމީހުންގެ ކެރުންތެރި ކަމާއި ދެއްކި ހިތްވަރަށް އެތައް ބަޔަކު ތައުރީފުކޮށް އެ ދެމީހުންނަށް ވަކިން މެސެޖްކޮށް ޓްވީޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ގަލް ގަޑޯ އަދި "ވޮންޑަ ވުމަން"ގެ ޑައިރެކްޓަރު ޕެޓީ ނެންކިންސް ހިމެނެއެވެ.

ސެޝަނީ އަދި އަމާޔާ ޓެގްކޮށް ގަލް ގަޑޯ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ ދެމީހުން ވެސް ރީތި ކަމަށެވެ. އަދި ޕެޓީ ނެންކިންސް ބުނީ، އެ ދެ މީހުން ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ހެދުން ވެސް ރީތި ކަމަށް ބުނެފައިވެއެވެ.

"ޕެޓީ ޖެންކިންސް އަދި ގަލް ގަޑޯގެ ފަރާތުން ތަރުހީބު ލިބުމުން ވަރަށް އުފާވި. އަހަރެންނަކީ ގަލް ގަޑޯގެ ވަރަށް ބޮޑު ފޭނެއް އަދި އެކަމާ ވަރަށް އުފާވޭ،" އަމާޔާ ބުންޏެވެ.

comment ކޮމެންޓް