މޫސުން ގޯސްވިޔަސް، ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުން ކުރިއަށް!

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުން ކުރިއަށްދަނީ --- ފޮޓޯ/ ޓްވިޓާ

މޫސުން ގޯސްވެގެން ގޮންޖެހުންތައް ކުރިމަތިވިޔަސް، ހދ. ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްއާރުޑީސީން ބުނެފިއެވެ.

ކުޅުދުއްފުށީ 19 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެރަށުގެ 5.8 ކިލޯ މީޓަރުގެ ދިގު ސަރަހައްދެއްގައި ތާރު އަޅާ ނިންމާލާނެއެވެ.

އެމްއާރުޑީސީގެ ޕްރޮޖެކްޓު މެނޭޖަރު މުހައްމަދު ހުޒާމް މިރޭ ވިދާޅުވީ، ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް ވިއްސާރަ ވުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެގޮތުން ވިއްސާރަ ވުމުގެ ސަބަބުން ބައެއް ފަހަރު މަސައްކަތް މެދުކަނޑާލަންޖެހޭ ފަހަރުވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޒާމް ވިދާޅުވި ގޮތުގައި، މަސައްކަތް ފެށި ފަހުން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ މަގާން މަގުގެ އެއްފަޅިން 180 މީޓަރަށް އަދި އަނެއް ފަޅިން 100 މީޓަރަށް ތާރު އަޅާ ނިންމާލެވިފައިވާ ކަމަށެވެ.

އަދި މާދަމާ އެ މަގުގެ ބާކީ އޮތްބައިގާ ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ނިކަގަސް މަގުގައި ތާރު އެޅުމަށްޓަކާ އެމަގުގެ ކޮނެފަ އޮތްބަޔަށް ވެލިއަޅާ އެއްވަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ކަމުގައިވާ މަގުތަކުގައި ތާރު އެޅުން މިއަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް