އަހަރު ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ ބޮޑު އީދު މިއޮތީ އައިސް ޖެހިފައެވެ. ބޮޑު އީދުގައި ނަގާ މަޖަލުގައި ބައިވެރިވުމަށް މާލެއިންނާއި އެކި ރަށްރަށުން އަތޮޅުތެރެއަށް މީހުން ފުރައިގެން ގޮސް ހުސްވެއްޖެއެވެ. ރަށްރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ފުރިހަމަ ބޮޑު އީދެއް ދިނުމަށް އަތޮޅުތެރޭގެ ރަށްތަކުން އޮތީ ދުރާލާ ތައްޔާރަށެވެ.
މިއަދުގެ އީދު ނަމާދާއެކު ރަށްތަކުގައި އީދުގެ ފޯރި ފެށިގެން ކުރިއަށްދާއިރު، އެއް ރަށަށްވުރެ އަނެއް ރަށުގެ ފޯރި ގަދަވެފައި ފާހަގަކުރާ ކުޅިވަރުތައް ވެސް ތަފާތެވެ. އަތޮޅުތެރޭގައި ބޮޑު އީދުގެ މަޖާ ނަގާއިރު، އަވަށްޓެރި ކޮޅުނބުގައި ތިބި ދިވެހީންވެސް ބޮޑު އީދުގައި ނަގަމުންދާ ފޯރި ވަކި ކުޑައެއް ނޫނެވެ.

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި މިއަހަރުގެ ބޮޑު އީދާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދުގެ ތެރެއިން --- ފޮޓޯ/ ސޯސަންވިލާ
ދިހަހާހަށްވުރެ ގިނަ ދިވެހިން އުޅެމުންދާ ސްރީލަންކާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކުރާ އެކިކަހަލަ ދުވަސްތަކާއި ބޮޑެތި އީދުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ތަނެކެވެ. އެގައުމުގައި އުޅޭ ދިވެހިން ބުނާގޮތުން، ރާއްޖޭގައި ނެތްފަދަ އިހުސާސެއް އެމީހުންނަކަށް ނުކުރެވެއެވެ.
މިއަހަރުގެ ބޮޑު އީދު ވެސް ސްރީލަންކާގައި މިއޮތީ މެކުހަށް ޖަހާފައެވެ. އަތޮޅުތެރޭގެ ރަށްތަކަށް ވަކި ދުލެއް ނުދެއެވެ. މިއަދު ހެނދުން ފެށިގެން ހަރަކާތަކަށްފަހު ހަރަކާތެއް އެދަނީ ކުރިއަށެވެ.
ކޮޅުބުގެ ހަރަކާތްތައް މިއަދު ފެށިގެން ދިޔައީ ސްރީލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރު، ސޯސަންވިލާގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުންނެވެ. އީދު ނަމާދުގައި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ބައިވެރިވެފައިވެއެވެ.

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި މިއަހަރުގެ ބޮޑު އީދާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދުގެ ތެރެއިން --- ފޮޓޯ/ ސޯސަންވިލާ
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި ހީވާގި އާރުކާޓީ އަބްދުﷲ ރަޝީދު (އަދުރޭ) ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އެ ތަނުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ފަހަރު ކަމަށެވެ.
އެގޮތުން މިއަދުގެ ބޮޑު ޖަމާއަތަށް 1200 އަށްވުރެ ގިނަ ދިވެހިން އައިސް ނަމާދުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްފަހު އޮތީ އީދު ސައި ބުއިމެވެ. އެއަށްފަހު މިއަދުގެ ހުކުރު ނަމާދު ވެސް ކުރީ ބޮޑު ޖަމާއަތުގައި ސޯސަންވިލާގައެވެ.
މިހިސާބުން ނިންމާލެވޭ ކަށް ނެތެވެ. އެހެން އަހަރުތަކުގެ ދެ އީދު ވެސް ސޯސަންވިލާގައި ފާހަގަކުރި ނަމަވެސް، މިއަހަރުގެ އީދު އެހެން އަހަރުތަކާ މުޅިން ތަފާތެވެ. ތަފާތު ގެނުވާ އެއް ސަބަބަކީ ރާއްޖޭގައި މިހާރު އެންމެ ނަގާ ކިޔާ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސް ބޮޑުބެރު ގްރޫޕެވެ.

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި މިއަހަރުގެ ބޮޑު އީދާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދުގެ ތެރެއިން --- ފޮޓޯ/ ސޯސަންވިލާ
އަދުރޭ ވިދާޅުވީ، މީގެ ކުރިން ސޯސަންވިލާގައި ބައެއް ސަގާފީ ކުޅިވަރުތައް އަމިއްލައަށް އިސްނަގައިގެން ހުށަހެޅި ނަމަވެސް، މިއަހަރުގެ އީދުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ފަރާތުން ހަތް އީދު ކުޅިވަރެއް ސެންޓަރުގައި ހުށަހަޅާނެ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު ހަތަރަކުން ފެށިގެން ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ދިގުމަގު ހިނގުން، ދަފިނެގުން، މާފަތި ނެށުން، މާގަނޑު ނެށުން، ކޯޑި އަދި ބޮޑުމަސް މާލި ހިމެނޭއިރު ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެއެވެ.
އޭގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕުގެ ވަރުގަދަ ޝޯއެއް މިރޭ އޮންނައިރު، އެ ގްރޫޕާއެކު ލަންކާގައި ދިރިއުޅޭ ބައެއް މަޝްހޫރު ކުރީގެ ފަންނާނުންނާއެކު އުފައްދާފައިވާ ސޯސަންވިލާގެ ބޭންޑުން ވެސް މިރޭގެ ޝޯގައި ހުށަހަޅައިދޭނެ އެވެ.

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި މިއަހަރުގެ ބޮޑު އީދާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި އީދު ސައިގެ ތެރެއިން --- ފޮޓޯ/ ސޯސަންވިލާ
ސަގާފީ ކުޅިވަރުތައް ދިރިވުމުގައި ފާހަގަކޮށްލެވޭ ހަބޭސްއާއެކު އީދު ކުޅިވަރުތައް މިއަހަރު ލަންކާގައި ހަބޭސް ވެގެންދާއިރު މިއީ އެ ގްރޫޕަށް ވެސް ހާއްސަ އީދެކެވެ.
މީގެ ކުރިން ލަންކާގައި ބޭއްވި ބައެއް ރަސްމިއްޔާތުތަކުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ފަރާތުން ހުށަހަޅައިދިން ނަމަވެސް އެ ގްރޫޕުގެ މެނޭޖަރު އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނާގޮތުން، މިއީ ބޮޑު އީދު ފާހަގަކުރުމަށް ރާއްޖޭން ބޭރުގައި ސަގާފީ ކުޅިވަރުތައް ހުށަހަޅައިދޭ ފުރަތަމަ ފަހަރު ކަމަށެވެ.
ލަންކާއަށްފަހު ރާއްޖެ އައިސް އިތުރު ތިން ރަށެއްގައި ވެސް ހަބޭސް ބޮޑުބެރު ގްރޫޕް އީދު ފާހަގަކުރުމަށް ދާނެއެވެ.

ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި މިއަހަރުގެ ބޮޑު އީދާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށްދާ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން --- ފޮޓޯ/ ސޯސަންވިލާ