ޔޫތު މިނިސްޓްރީން އީދު ކުޅިވަރަށް ހާއްސަކޮށްގެން 42 ފަރާތަކަށް އީދު ހަދިޔާ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ޢީދު ހަދިޔާ ޙަފްލާގެ ތެރެއިން--- ފޮޓޯ/ ޔޫތް މިނިސްޓްރީ

އީދު ކުޅިވަރަށް ހާއްސަކޮށްގެން 42 ފަރާތަކަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން "ޢީދު ހަދިޔާ" ދޫކުރަން ފަށައިފި އެވެ. އީދު ހަދިޔާ ދޫކުރަން ފަށާފައި ވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެ ހަފްލާގައި ޖުމްލަ 42 ފަރާތަކަށް ކުޅިވަރު ސާމާނު ދޫކުރަން ވަނީ ފަށާފަ އެވެ. އެ މިނިސްޓްރީން ވަނީ ރަސްމީ ގަޑި ނިމެންދެން ކުޅިވަރު ސާމާނު ދޫކޮށްފަ އެވެ.

މިއަދު ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ޓެނިސް ބޯޅަ އާއި ޓޭބަލް ޓެނިސް ރެކެޓް ޖޯޑާއި ޓޭބަލް ޓެނިސް ނެޓް އަދި ވޮލީ އެންޓެނާ ޖޯޑު ހިމެނެއެވެ. އަދި މީގެ އިތުރުން ވޮލީ ބޯޅަ އާއި ވޮލީ ނެޓް، ބެޑްމިންޓަން ނެޓާއި ފުޓްސަލް ބޯޅައިގެ އިތުރުން ފުޓުބޯޅަ އާއި މިނޫނަސް ގިނަ ވައްތަރުގެ ކުޅިވަރު ސާމާނު ހިމެނެއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، އެ ޙަފްލާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ކުޅިވަރުތައް ފޯރިގަދަކޮށް ގެންދިއުމާއި އަދި ޒުވާނުންގެ އެއްބައިވަންތަކަން ދައްކާލުމަށް އެކިއެކި އަތޮޅުތަކުން އިންތިޒާމްކޮށްފައިވާ ކުޅިވަރު މުބާރާތްތަކަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ބޭއްވިގެންދިޔަ ޙަފްލާއެއް ކަމަށެވެ.

"ކައުންސިލް އިދާރާތަކާއި ކްލަބް ޖަމްޢިއްޔާތަކަށް އަޅުގަނޑުމެން މިދޫކުރާ ކުޅިވަރު ސާމާނުތަކަކީ ތިބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އަތޮޅާއި ރަށްރަށުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަން ރާވައިފައިވާ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުގެ ފަރާތުން، ވަކިން ޚާއްސަކޮށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ނަންފުޅުގައި ހަދިޔާކުރެވޭ ކުޅިވަރު ސާމާނުތަކެއް،" ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

އެ ޙަފްލާގައި މިނިސްޓާ އިރުތިޝާމް ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް ލޮބުވެތި ޒުވާނުންނަށް އުފާވެރި އަޟްހާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާފަ އެވެ.

comment ކޮމެންޓް