ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައިކޯޓްގައި އިސްތިއުނާފްކޮށްފި އެވެ.
އެގިފައިވާ ގޮތުގައި ދައުލަތުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އެޓާނީ ޖެނަރަލްގެ އޮފީހުގެ ފަރާތުންނެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިގެން ކަމެއް އަދި ނޭނގެ އެވެ.
ގާސިމަށް ކުރި ޖަލުހުކުމުގައި އެމަނިކުފާނަށް ރާއްޖެއިން ބޭރުން ދޭން ޖެހޭ ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމަރުކޮށްފަ އެވެ.
ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެތީ، އެމަނިކުފާނަށް ދިމާވެފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.
ގާސިމަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އެޓާނީ ޖަނަރަލްގެ އޮފީހުން އިސްތިނާފްކޮށްފައިވާ އިރު ދާދި ފަހުން ވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އާއި މުހައްމަދު ހުސެން ޝަރީފް(މުންދު) އައިޖީއެމްއެޗަށް ވަޑައިގެން ގާސިމްއާ ބައްދަލު ކުރައްވައިފަ އެވެ.
އަދި އަޒްލީން ވަނީ ގާސިމްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް އަޅަމުން ނުދާކަމަށް ބުނެ ގާސިމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.