ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ލޯނު އިކުއިޓީއަށް ބަދަލު ކުރުމަށް ފާސްކޮށްފި

އެމްޓީސީސީ އަހަރީ އާންމު ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ސަރުކާރުން އިންޓްރެސްޓާ ނުލައި ދޫކޮށްފައިވާ 11 މިލިއަން ޑޮލަރުގެ ލޯނު، ރައިޓްސް އިޝޫގެ ދަށުން ކުންފުނީގެ އިކުއިޓީއަށް ބަދަލު ކުރުމާ ބެހޭ ގަރާރު ފާސްކޮށްފިއެވެ.

ސަރުކާރުން އެލޯނު ދޫކުރީ އެކުންފުނީގެ ބިން ހިއްކުމުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ހޮޕަރ ސަންޝަން ޑްރެޖަރ ގެ ފައިނޭންސިން ހަމަޖައްސައިދިނުމުގެ ގޮތުން ޑްރެޖަރުގެ އަގުގެ 30 ޕަސެންޓަށްވާ ޑައުން ޕޭމަންޓު ފައިސާ ދެއްކުމަށެވެ.

އޭގެ އިތުރުން ކުންފުނީގެ ހިއްސާ ސްޕްލިޓް ކުރުމާ ބެހޭ ގަރާރު ފާސްކުރުމަށްވެސް ހިއްސާދާރުން ވަނީ ތާއީދު ކުރައްވާފައެވެ. އެއާ އެކު ހިއްސާ ސްޕްލިޓް ކުރުމުން ހިއްސާގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ދަށްކޮށް ކޮންމެ އެއް ހިއްސާއެއް 10 ހިއްސާ އަށް ބަދަލުކުރުމުގެ ހުއްދަ ކުންފުންޏަށް ވަނީ ލިބިފައެވެ.

އެ ގަރާރު ފާސްވުމުން އެމްޓީސީސީގެ ހިއްސާދާރުން ވަނީ ރައިޓްސް އިޝޫ ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަރާރަށްވެސް ތާއިދުކޮށް އެ ގަރާރު ފާސްކޮށްފައެވެ. އެ ގަރާރުގެ ދަށުން ހިއްސާ ސްޕްލިޓު ކުރުމަށްފަހު ރައިޓްސް އިޝޫ ގޮތުގައި ހިއްސާއަކަށް އެއް ހިއްސާގެ މަގުން 62 ރުފިޔާއަށް ހިއްސާއެއް ވިއްކުމަށް ހުޅުވާލާނެ އެވެ. ނަމަވެސް އެ ހިއްސާ ބައްލަވައިގަނެވޭނީ ހަމަ އެކަނި މިހާރު ތިބި ސަރުކާރު ހިއްސާދާރުން ފިޔަވައި ދެން ތިބި އާންމު ހިއްސާދާރުންނަށެވެ.

އެ ގަރާރުގެ ދަށުން ހިއްސާދާރަކު ހިއްސާ ގަންނަން ބޭނުން ނުވާ ނަމަ ކުންފުނީގެ އެހެން ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ގޮތުގައި ނެތް ބޭފުޅަކަށްވެސް ހިއްސާ ގަތުމުގެ ފުރުސަތު ދެވިދާނެ އެވެ.

ރޭގެ ޖަލްސާގައި އެމްޓީސީސީން ވަނީ އެކުންފުނީގެ ހިއްސާ ސްޕްލިޓް ކުރަން ނިންމުމުގެ ސަބަބުން ކުންފުނީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައްވެސް ފާސްކޮށްފައެވެ. އެއާ އެކު ރައިޓްސް އިޝޫ ކުރުމުގެ ގަރާރުގެ ސަބަބުން ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައްވެސް ރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް