ކުރިއަށް އޮތް އަހަރަށް އެމްޓީސީސީގެ، 50 ރުފިޔާއިން މަތީގެ ކޮންމެ ހިއްސާއެއް ފަސް ރުފިޔާގެ 10 ހިއްސާއަށް ސްޕްލިޓް ކުރަން ނިންމައި މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމާފައިވަނީ ހާޒިރުވި 194 ހިއްސާދާރުން ހިއްސާ ކުރާ 281738 ހިއްސާގެ 99.87 ޕަސެންޓު ހިއްސާ (281376 ހިއްސާ)ގެ އަޣުލަބިއްޔަތުންނެވެ.
އޭގެ އިތުރުން ކުންފުނީގެ ހިއްސާ ސްޕްލިޓް ކުރުމާ ބެހޭ ގަރާރު ފާސްކުރުމަށްވެސް ހިއްސާދާރުން ވަނީ ތާއީދު ކުރައްވާފައެވެ. އެއާ އެކު ހިއްސާ ސްޕްލިޓް ކުރުމުން ހިއްސާގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ދަށްކޮށް ކޮންމެ އެއް ހިއްސާއެއް 10 ހިއްސާއަށް ބަދަލުކުރުމުގެ ހުއްދަ ކުންފުންޏަށް ވަނީ ލިބިފައެވެ.
އެ ގަރާރު ފާސްވުމުން އެމްޓީސީސީގެ ހިއްސާދާރުން ވަނީ ރައިޓްސް އިޝޫ ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަރާރަށްވެސް ތާއިދުކޮށް އެ ގަރާރު ފާސްކޮށްފައެވެ. އެ ގަރާރުގެ ދަށުން ހިއްސާ ސްޕްލިޓު ކުރުމަށްފަހު ރައިޓްސް އިޝޫ ގޮތުގައި ހިއްސާއަކަށް އެއް ހިއްސާގެ މަގުން 62 ރުފިޔާއަށް ހިއްސާއެއް ވިއްކުމަށް ހުޅުވާލާނެ އެވެ. ނަމަވެސް އެ ހިއްސާ ބައްލަވައިގަނެވޭނީ ހަމަ އެކަނި މިހާރު ތިބި ސަރުކާރު ހިއްސާދާރުން ފިޔަވައި ދެން ތިބި އާންމު ހިއްސާދާރުންނަށެވެ.
އެ ގަރާރުގެ ދަށުން ހިއްސާދާރަކު ހިއްސާ ގަންނަން ބޭނުން ނުވާ ނަމަ ކުންފުނީގެ އެހެން ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ގޮތުގައި ނެތް ބޭފުޅަކަށްވެސް ހިއްސާ ގަތުމުގެ ފުރުސަތު ދެވިދާނެ އެވެ.
ރޭގެ ޖަލްސާގައި އެމްޓީސީސީން ވަނީ އެކުންފުނީގެ ހިއްސާ ސްޕްލިޓް ކުރަން ނިންމުމުގެ ސަބަބުން ކުންފުނީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައްވެސް ފާސްކޮށްފައެވެ. އެއާ އެކު ރައިޓްސް އިޝޫ ކުރުމުގެ ގަރާރުގެ ސަބަބުން ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައްވެސް ރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.