ދެކުނު ފަރާތު ނެރު ކަނޑައި އަދި ނުނިމޭ، ބޭނުން ނުކުރޭ: ހައުސިން

މާލޭ ދެކުނު ފަރާތު ނެރަށް އުރުނު ލޯންޗެއް، ބޭރު ތޮއްޓާ ދިމާލު ބޭރުގައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ، މާލޭ ދެކުނު ފަރާތުގެ ފަޅަށް ވަންނަން ކަނޑާފައިވާ ނެރު ބޭނުން ނުކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މާލޭ ދެކުނު ސަރަހައްދުގެ ފަޅުތެރޭގައި މިހާރުވެސް މަސައްކަތް ކުރަމުން ގެންދާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދަށް ވަދެ ނުކުތުމަށް ކަނޑާ ނެރުގެ މަސައްކަތް ނުނިމޭތީ އެ ސަރަހައްދު ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެސަރަހައްދު ބޭނުން ކުރެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީ ޕަސިންޖަރުންނާއި މުދާ އުފުލުމުގެ ބޭނުމަށް އެސަރަހައްދާއި، ނެރު ބޭނުން ނުކުރުމަށް ދަންނަވަމެވެ." މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެ އިއުލާނުގައިވާ ގޮތުން މީގެ ކުރިންވެސް އެމިނިސްޓްރީން ވަނީ އެ ސަރަހައްދާއި، އެ ސަރަހައްދުގެ ނެރު ބޭނުން ނުކުރުމަށް އަންގައި މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުވެސް އިއުލާނެއް ކޮށްފައެވެ.

"މި އެންގުމާ ޚިލާފަށް އަދިވެސް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދިއުމުގެ ސަބަބުން ނެރުމަތި ގަދަވާ ހާލަތްތަކުގައި އުޅަނދުފަހަރާއި، މުދަލާއި، މީހުންނަށް ހިތާމަވެރި ހާދިސާތަކެއް ކުރިމަތިވެފައިވެއެވެ. މިހާދިސާތަކުގައި މީހުންނާއި އުޅަނދުފަހަރަށް ލިބިފައިވާ ގެއްލުމަށް މި މިނިސްޓްރީން ހިތާމަ ކުރާ ކަމުގައި ދެންނެވީމެވެ." ހައުސިން އިން ބުންޏެވެ.

މިނިސްޓްރީން މިފަދަ އިއުލާނެއްކޮށްފައިވާއިރު، ފާއިތުވި ތިން މަސްދުވަސްތެރޭ އެސަރަހައްދުގެ ނެރުމަތީގައި ހިނގާފައިވާ ހާދިސާތަކުގައި ގިނަ އަދަދެއްގެ ކަނޑު އުޅަނދަށް ގެއްލުން ވެފައިވެއެވެ.

comment ކޮމެންޓް