ލިވަޕޫލުން ލެމާ ގަތުމަށް ރެކޯޑު ފީއެއް ހުށައަޅައިފި

މޮނާކޯ މިޑްފީލްޑަރު ތޯމަސް ލެމާ: ---

ލިވަޕޫލުން މޮނާކޯގެ ފޯވާޑް ތޯމަސް ލެމާ ގަތުމަށް 70 މިލިއަން ޕައުންޑުގެ ރެކޯޑު ފީ އެއް ހުށައަޅިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ފްރާންސް އަށް އުފަން ލެމާ އަކީ މިދިޔަ ސީޒަނުގައި މޮނާކޯ އިން ފްރެންޗް ލީގު ކާމިޔާބު ކުރުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ނަމަވެސް މިހާރު އޭނާ ބޭނުން ވަނީ އެހެން ކްލަބަކަށް ބަދަލުވާން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާސެނަލް އިން ވެސް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ލެމާ ލިވަޕޫލަށް ބަދަލުވެއްޖެ ނަމަ އެ ޓީމުގެ އެޓޭކް މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ އެވެ.

މޮނާކޯ އިން ލެމާ ވިއްކާލަން ބޭނުން ނުވި ނަމަވެސް ލިވަޕޫލުގެ ޑިވޮކް އޮރީގީ މޮނާކޯ އަށް ވިއްކާލައިފި ނަމަ ލެމާ ލިވަޕޫލަށް ދިއުމަށް މާބޮޑު ހުރަސްތަކެއް ކުރިމައްޗެއް ނުވާނެ ކަމަށް ބެލެވެ އެވެ.

ލިވަޕޫލުގެ ކޯޗު ޖާގެން ކްލޮޕް ބުނީ އެ ޓީމަކީ ކުޅުންތެރިކަން ގަންނަން ބޮޑު އަގު ހުށައަޅަން ބިރުގަންނަ ޓީމެއް ނޫން ކަމަށާއި ނަމަވެސް ގަންނާނީ ޓީމަށް އެންމެ އެކަށީގެންވާ ރަނގަޅު ކުޅުންތެރިން ކަމަށެވެ.

އާސެނަލް އިން ލެމާ ގަތުމަށް ހުރަހަކަށް ވެގެން ދިޔައީ މޮނާކޯ އިން އެ ދޮރު ބަންދު ކުރުމުން ކަމަށް އާސެން ވެގްނާ ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް ބޮޑު އަގަކާ އެކު ލިވަޕޫލުން ލެމާ ގަނެފި ނަމަ އާސެނަލް އަށް ބޮޑު ހިތްދަތި ކަމެއް ކުރިމަތި ވާނެ އެވެ.

ރެކޯޑު އަގަކަށް ލިވަޕޫލާ ގުޅުމަށް ޖަރުމަންގެ އާރްބީ ލައިޕްޒިގްގެ މިޑްފީލްޑަރު ނަބީ ކޭޓާ ވެސް ވަނީ އިއްޔެގެ ވަގުތެއްގައި އެއްބަސްވެފަ އެވެ.

comment ކޮމެންޓް