އުރީދޫ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅި ރާއްޖެއަށް، މިހާރު ވަރަށް "ފަސޭހަ"!

"ފަސޭހަ ހޯމް ބްރޯޑްބޭންޑް" އިންޓަނެޓް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އުރީދޫ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

"ފަސޭހަ ހޯމް ބްރޯޑްބޭންޑް" ޚިދުމަތާއެކު އުރީދޫ މޯލްޑިވްސްގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފިއެވެ.

ރާއްޖެއަށް މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެ ބޮޑު އެއްކުންފުނިކަމަށްވާ އުރީދޫން މިއަދު ވަނީ، ގޭގެއަށް ޚާއްސަކޮށްގެން ފަސޭހަ ހޯމް ބްރޯޑްބޭންޑްގެ ނަމުގައި ތިން ޕެކޭޖެއް ތައާރަފްކޮށްފައެވެ.

އުރީދޫ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެގައި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޚިދުމަތް ތައާރަފްކޮށްދެއްވުމަށް ފަހު، އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫން އަލަށް ތައާރަފްކުރި ޚިދުމަތަކީ އެ ޚިދުމަތުގެ ނަމުގައިވެސް ވާފަދައިން ހަމަ ހަގީގަތުގައިވެސް ބޭނުންކުރަން ވަރަށް ފަސޭހަ ޚިދުމަތެއް ކަމަށެވެ.

"އުރީދޫއަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުމާއެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އެންމެހާ އާއިލާތަކާއި ވިޔަފާރިތަކަށް، ހަލުވި ސްޕީޑްގައި ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ޚިދުމަތުގެ ގިނަގުނަ ފައިދާތަކާ ގުޅާލަދިނުން،" އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ތައާރަފްކުރެވިގެން ދިޔަ ޚިދުމަތާއެކު، ރާއްޖޭގެ ހުރިހާ ހިސާބަކަަށް ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ގޮސްފި ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއް. ފަސޭހަ ހޯމް ބްރޯޑްބޭންޑް ފަރުމާކުރެވިފައި ވަނީ، ކޮންމެ ބޭފުޅަކަށް ވެސް ޚިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއެކު، މާކެޓްގައި އެންމެ އަގުހެޔޮ ރޭޓްތަކުގައި. ފަސޭހަ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ފައިދާތަކާއި ފުރުސަތުތައް ލިބިގެންދާނޭ ކަމުގެ ޔަގީންކަން އެބައޮތް،"

އުރީދޫން މިއަދު ތައާރަފްކުރި ފަސޭހަ ހޯމް ބްރޯޑްބޭންޑަކީ 10 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ ތަފާތު ތިން ޕެކޭޖެކެވެ.

ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް:

  • ހޯމް ބްރޯޑްބޭންޑް 50 - އަގު 699 ރުފިޔާ، ޑޭޓާ 50 ޖީބީ
  • ހޯމް ބްރޯޑްބޭންޑް 120 - އަގު 1099 ރުފިޔާ، ޑޭޓާ 120 ޖީބީ
  • ހޯމް ބްރޯޑްބޭންޑް 180 - އަގު 1549 ރުފިޔާ، ޑޭޓާ 180 ޖީބީ

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، 2015 ވަނަ އަހަރު އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުނު ހިސާބުން ފެށިގެން އެންމެ ބޮޑަށް ކުރިމަތިވަމުން އައި ސުވާލަކީ، "ކޮންއިރަކުންހޭ، ގޭގެއަށް އިންޓަނެޓް ލިބޭނީ. ކޮންއިރަކުންހޭ ރާއްޖޭގެ ހުރިހާ ގޭގެއަށް އިންޓަނެޓް ލިބޭނީ؟" މި ސުވާލުތައް ކަމަށެވެ. އެހެންކަމުން މިއަދު އުރީދޫން މިވަނީ އެ ހުރިހާ ސުވާލަކަށް ޖަވާބު ދީފައިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ވަރަށް ފަސޭހަގޮތެއް މިއަދު މި ހުޅުވާލަނީ. އަޅުގަނޑުމެން މިހާރު މި ކުރާކަމަކީ ފަސޭހަ ހޯމް ބްރޯޑްބޭންޑުގެ ނަމުގައި ޚިދުމަތެއް މި ހުޅުވައިލީ. މިއަދުވެސް ރާއްޖޭގެ ކޮންމެ ގެއަކަށް ވެސް ފަސޭހަކަމާއެކު ބްރޯޑްބޭންޑުގެ ޚިދުމަތް ދެވޭނެ،" ނިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ކޮންމެ ގެއެއްގައި ވެސް ވަރަށް ފަސޭހަކަމާއެކު އިންޓަނެޓް ބޭނުންކުރެވޭނޭ ގޮތް ހެދުން. ކުރީ ޒަމާނުގައި ގޭގެއަށް ފޯނެއް ވައްދަން ވިޔަސް ކޭބަލެއް ވައްދަން ޖެހެނީ. އެކަމަކު މިއަދު އަޅުގަނޑުމެން ކޭބަލް ވައްދާކަށް ނުޖެހޭ ފޯނެއް ލާކަށް. އެހެންވީމަ އެ ޓެކްނޯލޮޖީ އަޅުގަނޑުމެން މި ބޭނުންކުރީ ގޭގެއަށް އިންޓަނެޓް ފޯރުކޮށްދޭންވެސް.

"މިހާރު ކޭބަލް ބޭނުމެއް ނުވާނެ އިންޓަނެޓް ފޯރުކޮށްދޭކަށް. އަޅުގަނޑުމެންގެ މި އިންޓަނެޓް ހަމަ ކޮންމެ ގެއަކަށްވެސް ކޮންމެ އިރެއްގައި ވެސް ގުޅާލަދެވޭނެ. މިކަން ކުރުމަށްޓަކައި ނަގާނީ އެންމެ ގިނަވެގެންވެސް މިނިޓެއް."

ނިޔާޒް ވިދާޅުވީ، މިހާރު ގޭގެއަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫގެ ސޯޝަލްމީޑިއާ ޓީސަރތަކުން ފެންނަގޮތަށް، "ފެންތައްޓެއް ބޯލުންހާ ފަސޭހަ، ގޫގުލްކޮށްލުންހާ ފަސޭހަ، ކިއްލިއެއް ގަތުންހާ ފަސޭހަ" މި ހުރިހާކަމަށްވުރެވެސް ފަސޭހަ ކަމެއް ކަމަށެވެ.

comment ކޮމެންޓް