ދުނިޔޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ ދޭތެރޭ ޒުވާނުން ހޭލާ ތިބެން އެބަ ޖެހޭ: ފޮރިން މިނިސްޓަރު

މޮޑެލް ޔުނައިޓެޑް ނޭޝަންސް މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވާހަކަ ދައްކަވަނީ-- ފޮޓޯ : ޓުވިޓާ

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ ދޭތެރޭ ރާއްޖޭގެ ޒުވާނުން ހޭލާ ތިބެން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމްވީއެމްޔޫއެން)ގެ އިން ރޭ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވި "މޮޑެލް ޔުނައިޓެޑް ނޭޝަންސް" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި އަޅުގަނޑުމެންގެ ލޭނާރު ބައިނަލަގްވާމީ ދުނިޔެއާ ގުޅިލާ މެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޒުވާނުން ބައިނަލްގަވާމީ ދުނިޔެއަށް އަންނަމުންދާ ބަދަލުތާކާ މެދު ހޭލުންތެރިވެ، އެކަންކަމާ މެދު ވިސްނައި އަދި އެ ބަދަލުތަކާއި ރާއްޖެ ގުޅިފައި ވަނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސާދު އަދި ލޭނާރު މިވަނީ ބައިނަލަގްވާމީ ދުނިޔެއާ ގުޅި ލާމެހިފައި. އަހެރުމެންނަކަށް ވަކިވަގެނެގެންނެއް ނޫޅެވޭނެ. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ދުނިޔެއަށް އަންނަ ބަދަލުތަކާ ދޭތެރޭ ވިސްނައި ހޭލުންތެރިވާން އަދި އެ ބަދަލުތައް ރާއްޖެއާ ގުޅިފައި ވަނީ ކިހިނެއްތޯ ބަލަން،" މިނިސްޓަރު ވިދާޅުވި އެވެ.

"މޮޑެލް ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މަހާސިންތާގެ ތެެރެއިން --ފޮޓޯ : ޓުވިޓާ

ގައުމީ އަދި ބައިނަލްއަގްވާމީ ގިނަ މައްސަލަތަކަކާ މެދު ވާހަކަ ދައްކާ މަޝްވަރާކުރުމަށް ޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަމުން އަންނަތާ 80 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެމްޔޫއެން ކޮންފަރަންސް މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ރޭގެ ރަސްމިއްޔާތުގައި ވަނީ އެ ސެމިނާރުގައި ބައިވެރިވި ފަރާތްތަކަށާއި އަދި އެ ސެމިނާރަށް އެހީތެރެވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.

މޮޑެލް ޔުނައިޓެޑް ނޭޝަންސް މަހާސިންތާގައި ބައިވެރިވި ބައެއް ޑެލިގޭޓުން: ފޮޓޯ : ފޭސްބުކް

އިއްޔެ އާއި އޭގެ ކުރީ ދުވަހު ދަރުބާރުގޭގައި ބޭއްބި އެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ ހަތް ކޮމެޓީ އަކަށް ބަހައިލައިގެން ކަމަށް އެމްވީއެމްޔޫއެން އިން ބުންޏެވެ. އަދި ދުނިޔޭގެ ސިޔާސީ މަޝްރަހުގައި އެންމެ ހޫނު މައްސަލަތަކާ ބެހޭ ގޮތުން އެ ސެމިނާރުގައި މަޝްވަރާކުރެވުނު ކަމަށް ވެސް އެމްވީއެމްޔޫއެން އިން ބުންޏެވެ.

އެމްވީއެމްޔޫއެން އިން ބުނި ގޮތުގައި އެ ކޮންފަރެންސްގައި 200 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ. އަދި ބުނީ އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު 14-25 އަހަރުގެ ޒުވާނުންނަށާއި ސްކޫލު ކުދިންނަށް އޮތީ ހުޅާލި ކަމަށެވެ.

އެ ސެމިނާރުގައި ބައިވެރި ފަރާތްތަކަށް ޓްރެއިނިން ދީފައި ވަނީ އެމްވީއެމްޔޫއެން އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްވީއެމްޔޫއެން އިން ބުނި ގޮތުގައި އެޖަމިއްޔާގެ އަމާޒަކީ މިއަންނަ އަހަރު ވެސް އެ ކޮންފަރެންސް ބޭއްވުންކަމަށާއި އަދި ކޮންމެ އަހަރަކު ވެސް ސިލްސިލާއެއްގެ ގޮތުގައި އެ ސެމިނާރު ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

comment ކޮމެންޓް