އެންމެ ބޮޑު އާމްދަނީ ލިބޭ އެކްޓަރުންގެ ތެރޭގައި ޝާހު، ސަލްމާން އަދި އަކްޝޭ!

ދުނިޔޭގައި އެންމެ ބޮޑު އާމްދަނީ ލިބޭ 10 އެކްޓަރުންގެ ލިސްޓުގައި ބޮލީވުޑްގެ ސުޕަސްޓާރުން ކަމުގައިވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އަކްޝޭ ކުމަރު ހިމެނިއްޖެ އެވެ.

ފޯބީޒް އިން އާންމު ކުރި 2017 ވަނަ އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބޭ 10 އެކްޓަރުންގެ ލިސްޓުގެ އެއްވަނަ ލިބެނީ ހޮލީވުޑް އެކްޓަރު މާކް ވޯލްބާގް އަށެވެ. މާކް އަށް އާމްދަނީގެ ގޮތުގައި މި އަހަރު 68 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ފޯބީޒްގެ ލިސްޓުގައި ބުނެފައިވެ އެވެ.

ލިސްޓުގައި ހިމެނުނު ބޮލީވުޑް އެކްޓަރުންނަށް ބަލާއިރު، 38 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއެކު 'ރައީސް'ގެ އެކްޓަރު ޝާހު ހިމެނެނީ ލިސްޓުގެ އަށް ވަނައިގައެވެ. 37 މިލިއަންގެ އާމްދަނީ އަކާއެކު ސަލްމާނަށް ލިބިފައިވަނީ ލިސްޓުގެ ނުވަ ވަނައެވެ.

އަދި ލިސްޓުގެ 10 ވަނައިގައި ހިމެނުނު އަކްޝޭއަށް 35.5 މިލިއަންގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ފޯބީޒް ލިސްޓުގައި ހިމެނުނު 10 އެކްޓަރުގެ ޖުމްލަ އާމްދަނީ 488.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އެއީ އެންމެ ބޮޑު އާމްދަނީ ލިބޭ 10 އަންހެން އެކްޓަރުންގެ ޖުމްލަ އާމްދަނީއަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ފޯބީޒް އިން ހާމަކުރި ލިސްޓު ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެކްޓަރުންނަށް ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށެވެ.

ލިސްޓުގައި ދެން ހިމެނެނީ 'ދަ ރޮކް' ޖޯންސަން އާއި ވިން ޑީސަލް، އެޑަމް ސޭންޑްލަރ، ޖެކީ ޗެން އަދި ޓޮމް ކްރޫޒް ފަދަ އެކްޓަރުންނެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން އެކްޓަރަކީ އެމާ ސްޓޯން އެވެ. އެމާ ސްޓޯންގެ އާމްދަނީ އަކީ 26 މިލިއަން އެމެރިކާ ޑޮލަރެވެ.

comment ކޮމެންޓް