އިންޓަރެސްޓް ކުޑަކޮށް ގެދޮރު ގަނެވޭނެ ލޯން ސްކީމްގެ ގަވާއިދު ނެރެފި

ތޮއްޖެހިފައިވާ މާލެ ސިޓީގެ މަންޒަރެއް -- ސަން ފޮޓޯ/މާހިލް މުހައްމަދު

އަގުހެޔޮކޮށް ގެދޮރު ގަނެވޭނެ ގޮތް ހެދުމަށް އެމްއެމްއޭއިންް ލޯނު ސްކީމާ ބެހޭ ގަވާއިދެއް ނެރެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓު ކުރި "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމް" ގަވާއިދުގައިވާ ގޮތުން އެ ސްކީމުގައި ބޭންކުތަކާއި، ލޯނު ދޫކުރާ ފައިނޭންސް ކުންފުނިތަކުން ބައިވެރިވާން ޖެހޭނެ އެވެ. އަަދި އެ ގަވާއިދާ އެއްގޮތަށް ލޯނު ދޫކުރުމަށް ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމެއް ގާއިމް ކުރަންޖެހޭނެ އެވެ.

އެ ގަވާއިދުގައި އެ ސްކީމުގެ ދަށުން ލޯނު ދޫކުރަންޖެހޭ މިންވަރެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ސްކީމުގައި ބައިވެރިވާ ބޭންކްތަކާއި ކުންފުނިތަކުން އެ ފަރާތަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10 ޕަސަންޓު ލޯނުގެ ގޮތުގައި ދޫކުރަންޖެހޭނެ އެވެ.

އޭގެ އިތުރުން އެ މިންވަރަށް ލޯނު ދޫކޮށް ނިންމާނެ ތާރީހެއް ކަނޑައަޅައި ސްކީމުގެ މެންބަރު އިދާރާތަކަށް އެމްއެމްއޭއިން އަންގަންޖެހޭނެ އެވެ.

އެ ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ޗާޖު ކުރެވޭނެ އެންމެ މަތި އިންޓަރެސްޓް ރޭޓެއް އެ ގަވާއިދުގައިވަނީ ކަނޑައަޅާފަ އެވެ. އެ ރޭޓް ކަނޑައަޅާފައިވަނީ ލޯނުގެ ޑައުންޕޭމަންޓްގެ ނިސްބަތަށް ބަލާފަ އެވެ.

  • ޑައުން ޕޭމަންޓް 20 ޕަސެންޓްނަމަ، އިންޓްރެސްޓް ރޭޓް 5 ޕަސެންޓް

  • ޑައުން ޕޭމަންޓް 10 ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓް
  • ޑައުންޕޭމަންޓް ފަސް ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 6 ޕަސެންޓް

އެ ގަވާއިދުގައިވާ ގޮތުން ލޯނުގެ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓުގެ އަދަދު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން ނުވަތަ އޮތޯރިޓީން ގާއިމްކޮށްފައިވާ ސްކީމެއްގެ ދަށުން، ގެރެންޓީ ދޭނަމަ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ އިންވެސްޓްކޮށްފައިވާ ކަމަށް ބަލައި ލޯނު ނެގޭނެއެވެ.

ލޯނު 25 އަހަރުގެ މުއްދަތަށްވުރެ ކުރުނުވާގޮތަށް ދޫކުރަން ގަވާއިދުގައި އެ ގަވާއިދުގައިވަނީ ބުނެފަ އެވެ. އެހެން ނަމަެވސް ލޯނު ނަގާފަރާތުން އެ މުއްދަތު ކުރު ކުރަން ބޭނުން ނަމަ އެގޮތަށް ހަމަޖެއްސިދާނެ ކަމަށް އެ ގަވާއިދުގައިވަނީ ބުނެފަ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ލޯނުގެ ފުރަތަމަ 10 އަހަރު ތެރޭގައި ރޭޓް އިތުރު ނުކުރެވޭނެއެވެ. 10 އަހަރަށްފަހު ރޭޓަށް ބަދަލެއް ގެނެވޭނީ މާކެޓަށް އަންނަ ބަދަލަކާއި ގުޅިގެން އޮތޯރިޓީން ހުއްދަ ކުރާ ގޮތެއްގެ މަތިންކަން އެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

އެ ލޯނު ސްކީމަކީ ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މަރުކަޒީ ބޭންކު ގުޅިގެން އުފައްދާފައިވާ ލޯން ސްކީމެކެވެ. އެ ސްކީމްގެ ގަވާއިދުތަކާ ހިލާފް ވާ ކޮންމެ މެންބަރަކަށްވެސް ފިޔަވާޅު އަޅާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް