އިންޑިއާގައި އެއް ބުރުން ތިންފަށްވަރިޔަކުން ވަރިކުރުން ސުޕްރީމް ކޯޓުން މަނާކޮށްފި

އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ޓްރިޕްލް ތަލާގު މަނާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޮގަސްޓް 22): އިންޑިއާގައި އެއް ބުރުން، ތިންފަށްވަރިއަކުން ވަރިކުރުން ނުވަތަ 'ޓްރިޕްލް ތަލާގް' އަކީ ގާނޫނު އަސާސީއާ ހިލާފު އުސޫލެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި އެމައްސަލަ ބެލި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ނިންމި ގޮތުގައި މުސްލިމް ފިރިހެނަކު 'ތަލާގް' (ވަރިކޮށްފިން)، އެލަފްޒު ތިން ފަހަރު ކިޔުމުން އަންހެން މީހާ ވަގުތުން ވަރިކުރެވުމަކީ އިންޑިއާގެ ގާނޫނު އަސާސީގެ 14 އަދި 21 ވަނަ މާއްދާއާ ހިލާފުވާ އުސޫލެކެވެ. އެ މާއްދާތަކަކީ ހަމަހަމަކަމާއި، ފުރާނަ ރައްކާތެރިކުރުމާއި، އަމިއްލަ މިނިވަންކަމާ ބެހޭ މާއްދާތަކެވެ.

އަދި ޓްރިޕްލް ތަލާގް ނުވަތަ 'ތަލާގޭ ބިއްދަތު' އަކީ ގުރުއާން ނުވަތަ ހަދީސްގައި އޮންނަ ކަމެއް ނޫން ކަމުން އެފަދައިން އަމަލު ކުރުމަކީ އިސްލާމްދީނުގެ ގަބޫލުކުރުންތަކާ ވެސް ހިލާފު ކަމެއް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެމައްސަލަ ބެލީ ފަސް ދީނަކަށް ނިސްބަތްވާ ފަނޑިޔާރުންނެވެ. އެގޮތުން ހިންދޫ، ނަސާރާ، މުސްލިމް، ސިކް، އަދި ޒޮރޮސްޓްރިއަން ފަނޑިޔާރުން އެމައްސަލަ ނިންމުމުގައި ބައިވެރިވި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެފަދައިން ނިންމީ ޓްރިޕްލް ތަލާގްއާ ދެކޮޅަށް ގިނަ އަދަދެއްގެ ޕެޓިޝަންތައް ކޯޓަށް ހުށަހެޅި ފަހުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މުސްލިމް އަންހެނުން ވަނީ ސިޓީއަކުން ނުވަތަ ފޯނު ކޯލަކުން ނުވަތަ މެސެޖެއްގެ ޒަރިއްޔާއިން ތިންފަށްވަރިއަކުން ވަރިކުރި ކަމަށް ބުނެ އެމައްސަލަތައް ކޯޓަށް ހުށަހަޅާފައެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް