ޖުލައި މަހު ރާއްޖޭގެ އިމްޕޯޓްސްއާއި އެކްސްޕޯޓްސް އިތުރުވެއްޖެ

އެމްޕީއެލް ސަރަހައްދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު 24 ޕަސެންޓު އިތުރުވެފައިވާއިރު އެކްސްޕޯޓްސް 29 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް ސާވިސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައި ވަނީ 3.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އެތެރެ ކުރި މުދަލުގެ މިންވަރާ އަޅާބަލާއިރު 24 ޕަސެންޓުގެ އިތުރުވުމެކެވެ.

އިމްޕޯޓްސް އިތުރުވެފައިވާއިރު މިދިޔަ މަހުގެ އެކްސްޕޯޓްސް ވެސް ވަނީ 29 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން އެކްސްޕޯޓްސްއަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން ބޭރަށް ޖުމްލަ 202 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ބޭރު ކުރި 157 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 29 ޕަސެންޓުގެ އިތުރުވެމެކެވެ.

މީގެ އިތުރުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު 20 ޕަސެންޓު އިތުރުވެފައެވެ. މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ތަކެތި އެތެރެކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެ ގައުމުން 425 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވާއިރު ދެ ވަނަ އަށް އެންމެ ގިނައިން ތަކެތި އެތެރެކޮށްފައި ވަނީ އެކުވެރި ޗައިނާއިންނެވެ. ޗައިނާއިން 413 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައިން ތަކެތި އެތެރެކޮށްފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 403 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވެއެވެ.

އިންޑިއާއިން އެތެރެކޮށްފައި ވަނީ 360 މިލިއަން ރުފިޔާގެ ތަކެއްޗެވެ. ސިންގަޕޫރުން އިމްޕޯޓުކޮށްފައި ވަނީ 188 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

ރާއްޖެއަށް ތަކެތީގެ ތެރެއިން 21 ޕަސެންޓު ހިއްސާ ކުރަނީ އިލެކްޓްރޯނިކްސްއާއި މެޝިނަރީސް އެވެ. 20 ޕަސެންޓު ހިއްސާ ކުރަނީ ކާބޯތަކެތީގެ ބާވަތްތަކެވެ.

އާންމުކޮށް ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން ތަކެތި އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެގައުމަށް 78 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު ދެން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަނަށެވެ. ޖަރުމަނަށް އެކްސްޕޯޓުކޮށްފައި ވަނީ 20 މިލިއަން ރުފިޔާގެ މަހެވެ.

ފްރާންސަށް 15 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު އަޔަލޭންޑަށް 13 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. ފަސް ވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައި ވަނީ އެމެރިކާއަށެވެ. އެގޮތުން އެގައުމަށް އެކްސްޕޯޓުކޮށްފައި ވަނީ 10 މިލިއަން ރުފިޔާގެ މަހެވެ.

comment ކޮމެންޓް