ދައުލަތުގެ މީޑިއާއަށް ނުވަ ލައްކަ ރުފިޔާ ދައްކަން ސަންގު ޓީވީ ކުރިން ހިންގި ކުންފުނީގެ މައްޗަށް ހުކުމްކޮށްފި

ސަންގުޓީވީ ހިންގާ އިމާރާތް -- ސަން ފޮޓޯ/ފަޔާޒު މޫސާ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ނުވަލައްކަ އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސަންގުޓީވީ ކުރިން ހިންގި ސެވެން މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ސަންގުޓީވީއަށް ފޯރުކޮށްދީފައިވާ ސެޓަލައިޓް އަޕްލިންކް ކޮށްދިނުމުގެ ޚިދުމަތާ ގުޅިގެން ޕީއެސްއެމްއަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާކަން ދައުވާ ކުރި ޕީއެސްއެމްގެ ބަހާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި، މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމުގައިވާ ގޮތުން ޕީއެސްއެމް އިން ފޯރުކޮށްދިން ހިދުމަތަށް ސަންގުޓީވީ ކުރިން ހިންގި ކުންފުނިން 954،134.70 ރުފިޔާ ދައްކަން ޖެހެ އެވެ.

ސަންގުޓީވީ ކުރިން ހިންގި ސެވެން މީޑިއާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރުހާޒިރުގަ އެވެ.

އެ ކުންފުނީގެ މައްޗަށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ސަންގު ޓީވީ މިހާރު ހިންގަމުން އަންނަނީ އެހެން ކުންފުންޏަކުންނެވެ.

comment ކޮމެންޓް