ޖޫރިމަނާ ކުރި މައްސަލާގައި މީޑިއާ ނެޓުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާ އުފުލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

ރާއްޖެއާ ގުޅޭގޮތުން އަލްޖަޒީރާ ޓީވީ ޗެނަލުން ދެއްކި ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ ރީ ބްރޯޑްކާސްޓް ކުރުމުން މީޑިއާ ނެޓް 500000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާތީ އެ ކުންފުނިން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

މިއަދު 11:30 އަށް އެ މައްސަލަ ވަނީ ސިވިލް ކޯޓުގައި ތާވަލްކޮށްފައެވެ.

މީޑިއާ ނެޓްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެ މައްސަލާގައި އެއްވެސް އެއްޗެއް މިވަގުތު ބުނާކަށް ބޭނުމެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓް ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް މީޑިއާ ނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގިއެވެ.

ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީގައި ސަރުކާރުގެ އިސް ވެރިންގެ މައްޗަށް ތުހުމަތުތަކެއްކޮށް އެބޭފުޅުން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅޭގޮތުން އެ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް