ވިހެއުމަށް ފަހު ޖަންކްޝަނެއް ތެރޭ 'ފޮރުވި' އިންޑިއާ ކުއްޖަކު ސަލާމަތްކޮށްފި

ޖަންކްޝަނެއް ތެރޭ އޮއްވާ ސަލާމަތް ކުރި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނޭ --

ދިއްލީ (އޮގަސްޓް 20): އުމުރުން 28 އަހަރުގެ އިންޑިއާ އަންހެނަކު ވިހެއުމަށް ފަހު ޖަންކުޝަނެއް ތެރޭ ފޮރުވި ތުއްތު ކުއްޖަކު ދެ ގަޑި އިރު ފަހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެއަންހެން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ. އަދި އޭނާ މަސައްކަތް ކުރީ ފާހާނާއެއްގައި ކުއްޖާ ވިހެއުމަށް ފަހު އެކުއްޖާ ފޮރުވާށެވެ.

އެ ތުއްތު ކުއްޖާ ފޮރުވިކަން އެނގުނީ އެއަންހެން މީހާގެ ބަނޑުގައި ރިއްސާތީ، އޭނާގެ އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. އޭރު އަންހެން މީހާ ވިހާފައިވާކަން އާއިލާއަށް ނޭނގޭ ކަމަށް އެއާއިލާއިން ބުންޏެވެ.

އެ އަންހެން މީހާ ގެންދިޔައީ އޭނާ އާއްމުކޮށް ގެންދާ ވިޖޭޕޫރު ކޮމިއުނިޓީ ހޮސްޕިޓަލަށެވެ. އަދި އޭނާގެ ބަނޑުގައި ކުއްޖަކު ނެތް ކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވުމުން، އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަންހެން މީހާ ވަނީ ޖަންކްޝަނުގައި ކުއްޖާ ފޮރުވިކަން ހާމަކޮށްފައެވެ.

އޭގެ ފަހުން ހޮސްޕިޓަލުން ވަނީ އެމްބިއުލާންސެއް ފޮނުވައިގެން އެކުއްޖާ ސަލާމަތްކޮށްފައެވެ. އަދި އެކުއްޖާ ސަލާމަތްކުރި އިރު ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށާއި، ގާތްގަނޑަކަށް ދެ ގަޑި އިރު ވަންދެން ޖަންކުޝަނެއް ތެރޭ އޮތް ނަަމަވެސް އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެއެވެ.

އެހާދިސާ ހިނގި ސަރަހައްދަކީ އަންހެން ކުދިން އުފަންވުމުގެ ކުރިން ވައްޓާލުން ނުވަތަ އުފަންވާ ތަނުން މަރާލުމުގެ ހާދިސާތައް ގިނަ ސަރަހައްދެއް ކަމުން، ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. (އެންޑީޓީވީ)

ގުޅޭ ޓެގު
comment ކޮމެންޓް