ބޮލީވުޑްގެ ބިރުވެރި ފިލްމު ސީރީޒް 'ރާޒް'ގެ އިތުރު ފިލްމަކުން ދެން ނުފެންނާނެ ކަމަށް އެކްޓަރު އިމްރާން ހާޝްމީ ބުނެފި އެވެ.
އިމްރާން ވަނީ 'ރާޒް' ސީރީޒްގެ ތިން އިންސްޓޯލްމަންޓް 'ރާޒް 2'، 'ރާޒް 3' އަދި 'ރާޒް ރީބޫޓް' އިން ވެސް ފެނިގެން ގޮސްފަ އެވެ. އެ ފްރެންޗައިޒް އަށް ލޯބިކުރާ ގިނަ ބަޔަކު ތިބީ ފަސް ވަނަ ފިލްމުން ވެސް އިމްރާން ފެނިގެން ދާނެ ކަމުގެ އުންމީދުގަ އެވެ.
އެހެން ނަމަވެސް އެ ފިލްމު ސީރީޒްގައި ދެން އިތުރަށް މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް އިމްރާން މިވަނީ ބުނެފަ އެވެ. އިމްރާން ބުނީ 'ރާޒް' އަކީ މިހާރު އޭނާއަށް ނިމިފައިވާ ބާބެއް ކަމަށެވެ.
އަދި ހަމަ ނަމަކަށް ސީކުއެލް އެއްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި ފިލްމު ބަލާމީހުން ވެސް މިހާރު ހަމަ ކޮންމެ ފިލްމެއް ބަލަން ނުދާ ކަމަށް ވެސް އިމްރާން ވަނީ ބުނެފަ އެވެ.
'ރާޒް' އަކީ ވިޝޭޝް ފިލްމްސްގެ ބެނާގެ ދަށުން މަހޭޝް ބަޓް އަދި މުކޭޝް ބަޓް ޑައިރެކްޓު ކުރާ ފިލްމު ސީރީޒް އެކެވެ. ވިޝޭޝް ފިލްމްސް އާއެކު އިމްރާން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، ދެން އިތުރު ފިލްމެއްގެ މަސައްކަތް ކުރާނީ ރަނގަޅު ސްކްރިޕްޓެއް ލިބުމުން އެކަނި ކަމަށް އިމްރާން ބުނެ އެވެ.